މޯލްޑިވްސް ހަލާލް ޓްރެވެލް ބްރޭންޑުގެ ދަށުން ޓްރެވަލް ދާއިރާގެ ޚަބަރުތައް ގެނެސްދޭ މީޑިއާގައި އިސްކޮށް އުޅުއްވި ޑރ. ހުސައިން ސަނީ އުމަރު، އޭނާގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކާ ގުޅިގެން ސުވާލުކުރުމަށް މިއަދު ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ) ޔުނިޓަށް ހާޒިރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި، ރާއްޖެއިން ބޭރުގައި ހުރުމަށްފަހު ސަނީ ރާއްޖެ އައުމާއެކު އޭނާ ވަނީ ސުވާލުކުރުމަށް އެފްސީޕީ ޔުނިޓަށް ހާޒިރުކޮށްފައެވެ.
ބައެއް މީޑިއާތަކުގެ ރިޕޯޓުތަކުގައިވާ ގޮތުން ސަނީގެ މައްޗަށް ތުހުމަތު ކުރެވޭ ގޮތުގައި އޭނާ ވަނީ އޭނާގެ އަނބިމީހާގެ އާއިލާގެ ތިން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައެވެ. އެ ތިން ކުދިންގެ ތެރެއިން އެއް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކީ 18 އަހަރުން ދަށުގެ ދެ ކުދިން ކަމަށް އެ ރިޕޯޓުތަކުގައިވެއެވެ. މި ތުހުމަތުތައް ފެންމަތިވުމާއެކު މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ސަނީ ވަނީ އިންޑިއާގެ ނިއުދިއްލީއަށް ފުރައިގެން ގޮސްފައެވެ.
މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައުމަށްފަހު، ކުރިން ފުލުހުން ދީފައިވަނީ ވަރަށް ކުރު ބަޔާނެކެވެ. އެގޮތުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ބުނުން ފިޔަވައި އިތުރު ތަފްސީލެއް ކުރިން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިއަދު ފުލުހުން ވަނީ ސަނީ ރާއްޖެއިން ބޭރުގައި ހުރުމަށްފަހު، ރާއްޖެ އައުމާއެކު އެފްސީޕީއަށް ހާޒިރުކޮށް ސުވާލުކުރަމުންދާކަން ކަށަވަރުކޮށްދީފައެވެ.
ސަނީއަށް ކުރެވޭ ތުހުމަތުތަކަކީ ސީރިއަސް ތުހުމަތުތަކެއްކަން ފާހަގަކޮށް، އޭނާ ނިސްބަތްވާ ދަ ޓްރެވަލް ގާއިސްއިން ވަނީ މިދިޔަ ހޮނިހިރު ދުވަހު އޭނާއާ އެ ކުންފުނިން ވަކިވެފައެވެ.


