އިންޑިއާ ސިފައިންނާއި އާއި ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް) ގުޅިގެން އަހަރަކު އެއްފަހަރު ބާއްވާ 'އެކުވެރިން' ތަމްރީނުގެ 14 ވަނަ އެޑިޝަން ޑިސެމްބަރު މަހުގެ 2 އިން 15 އަށް ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މި ތަމްރީނު ބޭއްވުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ކެރެލާ ސްޓޭޓްގެ ތިރުވަނަންތަޕޫރަމްގައެވެ. މި ތަމްރީނަކީ ދެ ގައުމުގެ ދިފާޢީ ގުޅުން ބަދަހިކުރުމަށްޓަކައި ބާއްވަމުން އަންނަ މުހިންމު ހަރަކާތެކެވެ.
އިންޑިއާ ސިފައިންގެ ހިދުމަތުގެ ފަރާތުން ބުނިގޮތުގައި މި އަހަރުގެ 'އެކުވެރިން 2025′ ގެ މައިގަނޑު މަޤްސަދަކީ ދެ ބާރުގެ އޮޕަރޭޝަންތައް އެއްގޮތްކޮށް، ސެމީ-އާބަން، ޖަންގަލީ އަދި ކަނޑުގެ އައްސޭރީގެ ސަރަޙައްދުތަކުގައި ހިންގާ ދެކޮޅުވެރިކަމާ ދެކޮޅަށް އަދި ޓެރަރިޒަމާ ދެކޮޅަށް ހިންގޭ އޮޕަރޭޝަންތަކުގައި އެކުގައި މަސައްކަތްކުރުމުގެ ޤާބިލުކަން އިތުރުކުރުމެވެ. މި ތަމްރީނުގެ ސަބަބުން ދެ ގައުމުގެ ސިފައިންނަށް އެކަކު އަނެކަކުގެ އޮޕަރޭޝަނަލް އުސޫލުތަކާއި ކުޅަދާނަކަން ދެނެގަތުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އިންޑިއާ ސިފައިންގެ ހިދުމަތުން ބުނެފައިވެއެވެ.
މި ތަމްރީނުތަކުގައި ވަކި ޚާއްސަ ޓެކްނޮލޮޖީތައް ބޭނުންކުރުމަށް ސަމާލުކަން ދީގެން، އޮޕަރޭޝަންތަކުގެ ޤާބިލުކަން އިތުރުކުރުމާއި، އެންމެ ރަނގަޅު އުސޫލުތައް ހިއްސާކުރުމަށް ބާރުއަޅާނެއެވެ. މިކަމުގެ ސަބަބުން ދެ ގައުމުގެ ދިފާޢީ އެއްބާރުލުން އިތުރަށް ވަރުގަދަވެ، ދެ ބާރުގެ މެދުގައި އޮންނަ ގާތްގުޅުމާއި އިތުބާރު އިތުރުވެގެންދާނެކަމަށް އިންޑިއާއިން ބުނެފައިވެއެވެ.
އިންޑިއާ ސިފައިންގެ ހިދުމަތުން އިތުރަށް ބުނިގޮތުގައި މި ތަމްރީނަކީ ސަރަޙައްދީ ސުލްހަޔާއި ސަލާމަތަށް އިންޑިއާ އާއި ދިވެހިރާއްޖެއިން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެކެވެ. އަދި މިފަދަ އަހަރީ ތަމްރީނުތަކުގެ ސަބަބުން ދެކުނު އޭޝިއާ ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުން ދެމެހެއްޓުމަށް ދެ ގައުމުގެ ސިފައިންގެ ދައުރު ވަރަށް ބޮޑުވާނެކަމަށްވެސް ބުނެފައިވެއެވެ.


