Tuesday, 28 July 2026
ފޮޓޯ: ޕީއެސްއެމް

ސިލޯނާ އެކު ދިވެހިން ޓެލެތޯންގެ ވަގުތު އިތުރުކޮށްފި

ސްރީ ލަންކާ އަށް އެރި ތޫފާނުގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެހީވުމުގެ ގޮތުން ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން އިންތިޒާމުކޮށްގެން ރާއްޖޭގެ ބައެއް މީޑިއާތަކާ ގުޅިގެން ކުރިއަށް ގެންދާ "ސިލޯނާ އެކު ދިވެހިން" ޓެލެތޯންގެ ވަގުތު އިތުރުކޮށްފި އެވެ. މި ޓެލެތޯން އިއްޔެ ހެނދުނު 9:00 ގައި ފެށިއިރު، ކުރިން ނިންމަން ހަމަޖައްސާފައި އޮތީ ރޭ މެންދަމު 1:00 ގަ އެވެ. ނަމަވެސް ޕީއެސްއެމްއިން ބުނި ގޮތުގައި، އެހީގެ ގޮތުގައި ފައިސާ ޖަމާކުރުމުގެ ފުރުސަތު މިއަދު މެންދުރު 2:00 އާ ހަމައަށް ވަނީ އިތުރުކޮށްފަ އެވެ.

ލަންކާގެ ހާލަތު ގޯސްވެ، ތޫފާން ދީތުވާގެ ސަބަބުން ފެން ބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުން ފަދަ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 300 އިން މައްޗަށް އަރާފައިވާ މި ދަނޑިވަޅުގައި، ދިވެހިންގެ ފަރާތުން އެހީގެ އަތެއް ދިނުމަކީ ޒަމާނުއްސުރެ ގާތް ގުޅުމެއް އޮންނަ އަވައްޓެރި ގައުމަކަށް ކުރެވޭނެ މުހިންމު ކަމެއް ކަމަށް ޕީއެސްއެމްއިން ބުނެ އެވެ. މި ޓެލެތޯނުގައި ރާއްޖޭގެ 37 މީޑިއާއަކުން ބައިވެރިވެފައިވާއިރު، އިތުރު މީޑީއާތަކަށް ބައިވެރިވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ. މީގެ އިތުރުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ބަހައްޓައިގެން ވެސް ދަނީ ފައިސާ އެއްކުރަމުންނެވެ.

މިހާތަނަށް ޓެލެތޯނަށް 2.3 މިލިޔަނަށްވުރެ ގިނަ ދިވެހި ރުފިޔާ އާއި 38،000 އަށްވުރެ ގިނަ ޑޮލަރު (ބައި މިލިއަނަށް ވުރެ ގިނަ ރުފިޔާ) ލިބިފައިވާ ކަމަށް ޕީއެސްއެމްއިން ހާމަކުރެ އެވެ. މި ފައިސާގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިންނާއި ސަރުކާރުގެ ކުންފުނިތަކުން ދީފައިވާ އެހީތައް ހިމެނެ އެވެ. ދިވެހި ރުފިޔާއިން އެހީވާ ފަރާތްތަކުން 7730000796107 އެކައުންޓަށް ފައިސާ ޖަމާކުރެވޭނެ އެވެ. އަދި ޑޮލަރުން ނަމަ ޖަމާކުރާނީ 7730000796106 އެކައުންޓަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *