ސްރީލަންކާއަށް ކުރިމަތިވެފައިވާ ސައިކްލޯން ޑިޓްވާގެ ސަބަބުން މަރުވި މީހުންގެ އަދަދު 123 އަށް އަރާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. މީގެ އިތުރުން 130 މީހުން އަދިވެސް ގެއްލިގެން ހޯދަމުން ދާއިރު، ގަދަ ވަޔާއި، ވިއްސާރަ ވާރޭ އަދި ބިރުވެރި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން އެތައް ހާސް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ. އަދި ގައުމުގެ ގިނަ ސަރަހައްދުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.
މި ސައިކްލޯން ސްރީ ލަންކާއަށް އަރާފައިވަނީ ނޮވެމްބަރު 27 ވަނަ ދުވަހުއެވެ.މި ތޫފާން އެރި ވަގުތު ބޯކޮށް ވާރޭވެހި، ޚާއްސަކޮށް ސްރީ ލަންކާގެ އިރުމަތީ އަދި މެދުތެރޭ ސަރަހައްދުތަކަށް ވަނީ ބޮޑެތި އަސަރުތަކެއް ކޮށްފައެވެ. ބައެއް ސަރަހައްދުތަކަށް އެއް ދުވަހުގެ ތެރޭގައި 300 މިލިމީޓަރަށް ވުރެ ގިނައިން ވާރޭވެހުމުގެ ސަބަބުން ބޮޑު ސަރަހައްދަކުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކާއި، ކުއްލިއަކަށް ފެން ބޮޑުވުންތައް ވަނީ ކުރިމަތިވެފައެވެ. ބަޑުއްލާ، ނުވަރާ އެލިޔާ، ކެންޑީ އަދި އަމްޕާރާ ފަދަ ޑިސްޓްރިކްޓްތަކަކީ މި ސައިކްލޯންގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބުނު ސަރަހައްދުތަކެވެ. އަދި މުޅި ކޮމިއުނިޓީތައް ވަނީ ހުސްކޮށް، ގާތްގަނޑަކަށް 44،000 މީހުން ސްކޫލްތަކާއި ކޮމިއުނިޓީ ސެންޓަރުތައް ފަދަ އާންމު ހިޔާވަހިކަން ދޭ ތަންތަނަށް ބަދަލުކޮށްފައެވެ.
ލަންކާގައި ފެން ބޮޑުވުމުގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމަށް ވަނީ ބޮޑެތި ބުރޫއެރުންތަކެއް ކުރިމަތިވެފައެވެ. ރޭލު ދަތުރުތައް ވަނީ މެދުކަނޑާލާފައެވެ. މައި މަގުތައް ފެނު އަޑީގައި ނުވަތަ ބަންދުވެފައިވާއިރު، ރޭލު ދަނޑިތަކަށް ގެއްލުން ލިބިފައިވެއެވެ. ގިނަ އަވަށްތަކެއްގެ ބޮޑު ބަޔަކުން ކަރަންޓުގެ ހިދުމަތްވެސް ވަނީ ކެނޑިފައެވެ. ވެރިރަށް ކޮލަމްބޯގެ ބައެއް ހިސާބުތަކަށް ވެސް ފެން ބޮޑުވެ، ގިނަ އަދަދެއްގެ މީހުން ވަނީ ގޭގެ ފުރާޅުތަކުންނާއި ގަސްތަކުން ސަލާމަތް ކުރަން ޖެހިފައެވެ.
ސްރީލަންކާގައި ތިބި ބައެއް އާއިލާތަކުން ރާއްޖެ24 އަށް މައުލޫމާތު ދިން ގޮތުގައި ސައިކްލޯންގެ އަސަރު ބޮޑަށް ކުރި ގިނަ ސަރަހައްދުތަކުގެ ފިހާރަތައްވެސް މިހާރުވަނީ މުޅިންހެން ހުސްވެފައެވެ.
ސްރީލަންކާއަށް ކުރިމަތިވި މި ބޮޑު ކާރިސާއަށްފަހު، އަވަށްޓެރި ގައުމުތަކުން ވަނީ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ. އެގޮތުން އެ ގައުމަށް އެހީތެރިވުމަށް އެމެރިކާއިން 2 މިލިއަން ޑޮލަރުގެ އެހީތެރިކަން ލަންކާއަށް ދޭން ނިންމާފައިވާއިރު، އިންޑިއާއިން ފެށި އޮޕަރޭޝަން ސާގަރ ބަންދޫ ގެ ދަށުން ސްރީ ލަންކާއަށް އެހީގެ ސާމާނު ފޯރުކޮށްދޭން ވަނީ ފަށާފައެވެ. މީގެ ތެރޭގައި ކާނާއާއި ފެން ފަދަ އަސާސީ ތަކެތި ހިމެނެއެވެ.
ސައިކްލޯން ޑިޓްވާ ނޮވެމްބަރު 30 އާ ހަމައަށް ދެކުނު އިންޑިއާގެ ސަރަހައްދަށް ދަތުރުކުރާއިރު ވާރޭގެ މިންވަރު މަދުވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، އުތުރާއި އުތުރު-މެދުތެރޭ ޕްރޮވިންސްތަކުގައި ދޭތެރެ ދޭތެރެއިން ވިއްސާރަ ވެހި، ގުގުރާނެ ކަމަށް ލަފާކުރެވެއެވެ.


