Thursday, 29 October 2026

މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގގެ އައުޓްލުކް 'ސްޓޭބަލް' އަށް ބަދަލުކޮށްފި

ބައިނަލްއަޤުވާމީ ކްރެޑިޓް ރޭޓިން އޭޖެންސީ މޫޑީސް އިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގގެ އައުޓްލުކް، ކުރިން އޮތް 'ނެގެޓިވް' އިން 'ސްޓޭބަލް' އަށް ބަދަލުކޮށްފިއެވެ. ނަމަވެސް، ރާއްޖޭގެ ކްރެޑިޓް ރޭޓިންގ Caa2 ގައި ދަމަހައްޓާފައިވާ ކަމަށް މޫޑީސްއިން ބުނެއެވެ. މާލީ ވުޒާރާއިން ވިދާޅުވީ، މިއީ ފާއިތުވި އަހަރުގެ ތެރޭގައި ރާއްޖެއިން ގެންގުޅުނު ހަރުދަނާ މާލީ ސިޔާސަތުތަކާއި، ދަރަނި ދެއްކުމުގެ ޤާބިލުކަން އިތުރުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ކާމިޔާބީއެއް ކަމަށެވެ. މި ބަދަލަކީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުވަމުންދާކަމުގެ ހެއްކެއް ކަމަށް ސަރުކާރުން ދެކެއެވެ.

މާލީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، ފާއިތުވި އަހަރުތަކުގައި އާމްދަނީއާ ނުބައްދަލު ގޮތަކަށް ސަރުކާރުގެ ޚަރަދުތައް ބޮޑުވެފައިވުމުގެ ސަބަބުން، ޚަރަދުތައް ފައިނޭންސްކުރުމަށް ބޮޑު އަގުގައި ދަރަނި ނަގާފައިވާ މިންވަރު އިތުރުވެފައިވެއެވެ. މިކަމުގެ ސަބަބުން ސަރުކާރުގެ ފިސްކަލް ހާލަތު ދަށްވެ، ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން ރާއްޖޭގެ މާލިއްޔާ އޮތީ ދަރަނި އަދާނުކުރެވޭ މިސްރާބެއްގައި ކަމަށް ފާހަގަކުރަމުން އައެވެ. ބޭރުފައިސާއިން ނަގާފައިހުރި ދަރަނިތައް އަދާކުރުމަށް ބޮޑެތި އަދަދުތަކުން ހޭދަކުރަންޖެހުމުގެ ނަތީޖާއެއްގެ ގޮތުން، ދައުލަތުގެ ރަސްމީ ރިޒަރވް ވަނީ ތާރީޚީ ގޮތުން ހީނަރުވެފައެވެ. މި ހާލަތުން އަރައިގަތުމަށް 2024 ވަނަ އަހަރުން ފެށިގެން ސަރުކާރުން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅައި ތަންފީޒުކުރަން ފަށާފައެވެ.

މޫޑީޒްއިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، ރޭޓިންގ އައުޓްލުކް 'ސްޓޭބަލް' އަށް ބަދަލުކުރުމުގެ މައިގަނޑު ސަބަބަކީ ރާއްޖޭގެ ފިސްކަލް އަދި މަނިޓަރީ ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން މެކްރޮފިސްކަލް ހާލަތު ރަނގަޅުވުމެވެ. މިގޮތުން، ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށް އެއަރޕޯޓް ޓެކުހާއި ފީ، ގްރީން ޓެކްސް އަދި ޓީޖީއެސްޓީގެ ރޭޓުތައް މުރާޖައާކޮށްފައިވުމާއި، ބޭރު ފައިސާގެ ޤާނޫނާއި ގަވާއިދު ތަންފީޒުކޮށްފައިވުމުގެ ސަބަބުން ރަސްމީ ރިޒަރވް އަދި ބޭރު ފައިސާގެ ލިކުއިޑިޓީ ވަނީ ރަނގަޅުވެފައެވެ.

މީގެ އިތުރުން މޫޑީޒްގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) ގައި ހުރި ބޭރު ފައިސާގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. މިދިޔަ އަހަރު 15 މިލިއަން އެމެރިކާ ޑޮލަރުގައި ހުރި މި އަދަދު، މި ސަރުކާރުގެ ސިޔާސަތުތަކާއެކު މިމަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް 126 މިލިއަން އެމެރިކާ ޑޮލަރަށް ވަނީ އިތުރުވެފައެވެ. މީގެ އިތުރުން، ސަރުކާރުން ބަޖެޓް ތަންފީޒުކުރުމުގައި ޚަރަދުތައް ހިފަހައްޓައިގެން މަސައްކަތްކުރުމުގެ ނަތީޖާއެއްގެ ގޮތުން މި އަހަރުގެ ބަޖެޓް ޑެފިސިޓް ކުޑަކުރެވިފައިވާކަމަށްވެސް މޫޑީޒްއިން ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *