Tuesday, 28 July 2026

ސްރީލަންކާގައި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 31 މީހުން މަރުވެއްޖެ

ކޮލޮމްބޯ: ސްރީލަންކާގައި ފާއިތުވި ދެ ހަފްތާގެ ތެރޭގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި 31 މީހުން މަރުވެ، އިތުރު 14 މީހުން ގެއްލިފައިވާ ކަމަށް އެ ގައުމުގެ މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

ނޮވެމްބަރު 17 ވަނަ ދުވަހުން ފެށިގެން އެ ގައުމަށް ދަނީ ބޯކޮށް ވާރޭވެހުމާއި، ފެންބޮޑުވުމާއި، ބިންގަނޑު ކަނޑައިގެން ދިއުން ފަދަ ނުރައްކާތެރި މޫސުމީ ހާލަތްތަކާ ކުރިމަތިވަމުންނެވެ. މިކަމުގެ ސަބަބުން ގިނަ ޑިސްޓްރިކްޓްތަކެއްގެ ދިރިއުޅުމަށް ވަނީ ބޮޑެތި ބުރޫއެރުންތަކެއް ކުރިމަތިވެފައެވެ. ލޯކަލް އިނގިރޭސި ނޫސް ޑެއިލީ މިރަރ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެންމެ ބޮޑަށް ގެއްލުން ލިބިފައިވާ ސަރަހައްދުތަކުގައި ސަލާމަތީ އޮޕަރޭޝަންތައް ދަނީ ކުރިއަށް ގެންދަމުންނެވެ.

ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނި ގޮތުގައި، މި ނުރައްކާތެރި މޫސުމުގެ ސަބަބުން 17 ޑިސްޓްރިކްޓެއްގައި 4،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ބޮޑެތި އަސަރުކޮށްފައެވެ. އަދި މި މުއްދަތުގެ ތެރޭގައި 10 މީހަކަށް އަނިޔާވެފައި ވެއެވެ. އަދި ބައްޓިކަލޯ ޑިސްޓްރިކްޓަށް އެއް ފަހަރާ 300 މިލިމީޓަރަށް ވުރެ ގިނައިން ވާރޭ ވެހިފައިވާ ކަމަށް ރިކޯޑު ކުރެވިފައި ވެއެވެ.

މިހާރު ވެސް އެ ގައުމުގެ މަތީގައި ލޯ-ޕްރެޝަރ ސިސްޓަމެއް އޮތުމުގެ ސަބަބުން ބާރުގަދަ ވައިރޯޅިތަކާއި، ބޯކޮށް ވާރޭވެހުން ތަކުރާރުވަމުން ދެއެވެ. އޮތޯރިޓީން ވަނީ ބިންގަނޑު ކަނޑައިގެން ދިއުމުގެ ނުރައްކާ ބޮޑު އަށް ޑިސްޓްރިކްޓަކަށް ރެޑް-އެލާރޓް ނެރެފައެވެ.

އެ ޑިސްޓްރިކްޓްތަކުގެ ރައްޔިތުންނަށް ވަނީ ހާލަތަށް ސަމާލުވެ، ބޭނުން ނުޖެހޭ ދަތުރުތައް ކުރުމުން ދުރުވެ، އަވަހަށް ހިމާޔަތް ހޯދުމަށް ތައްޔާރުވެ ތިބުމަށް އިލްތިމާސްކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *