Tuesday, 28 July 2026

ސީޕީ ނަވީނާއި ފުލުހުންގެ ވެރިންތަކެއް ސަސްޕެންޑް ކުރަން ފާސްކޮށްފި

ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީން ހިމެނޭހެން ފުލުހުންގެ ސީނިއާ އޮފިސަރުންތަކެއް ސަސްޕެންޑްކުރަން ލަފާދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.

މާލިއްޔަތު ކޮމިޓީގެ މި ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ. އަދި އެ ކޮމެޓީން ބަލަމުން ގޮސްފައި ވަނީ މި ބޭފުޅުންނާއި ގުޅުން ހުރި ކޮރަޕްޝަންގެ މައްސަލަތަކެވެ.

އެ ބައްދަލުވުން ސިއްރުކުރީ، ގައުމީ ރައްކާތެރިކަމާ ގުޅިފައިވާ މައްސަލަތަކެއް ހިމެނޭ ކަމަށް ބުނެއެވެ. އެގޮތުން ބައްދަލުވުން ސިއްރުކުރަން ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު މަމްދޫޙެވެ. އެ ހުށަހެޅުމަށް ގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު ހަނާން މުޙައްމަދު ރަޝީދު ތާއީދުކުރެއްވިއެވެ.

އެއަށްފަހު، ކޮމިޓީ ސިއްރުކުރަން، ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ފާސްކުރިއެވެ.

އެގޮތުން ސަސްޕެންޑް ކުރުމަށް ލަފާދިނުމަށް ނިންމާފައިވަނީ، ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީން އާއި، އެސިސްޓެންޓް ކޮމިޝަނަރު މޫސާ އަލީ ޢާއި، އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު އަބްދުއްރަހްމާން އާއި، އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރަޝީދު އާއި، އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ބަޝީރު އާއި، އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ދާއޫދު އާއި، ސުޕްރިޓެންޑެންޓް އިސްމާއީލް ޝަމީމް އާދަމެވެ.

މި ބޭފުޅުންގެ މައްޗަށް ތުހުމަތު ކުރެވެނީ ފުލުހުންގެ ވިޔަފާރި ކުންފުނި ޕޮލްކޯގެ ތެރެއިން ހިންގާފައިވާ ހިޔާނާތުގެ މައްސަލަތަކެއް ކަން އެނގިފައި ވެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *