ބަޖެޓު ކޮމިޓީން ދިރާސާކުރުމަށްފަހު، މިއަދު މަޖިލީހުގެ ޖަލްސާގައި ބަޖެޓު ފާސްކުރުމަށް ނެގި ވޯޓުގައި 74 މެންބަރުން ބަޖެޓު ފާސްކުރަން ވޯޓު ދެއްވިއިރު، 12 މެންބަރުން ވަނީ ދެކޮޅަށް ވޯޓު ދެއްވައިފައެވެ. ބަޖެޓު ބަހުސްގައި އިދިކޮޅު މެންބަރުން ވަނީ މި ބަޖެޓަކީ ގައުމުގެ ދަރަނި އިތުރުކުރާނެ އަދި އާމްދަނީއަށްވުރެ ރިކަރަންޓު ހަރަދު ބޮޑު ބަޖެޓެއް ކަމަށް ވިދާޅުވެ، ބައެއް މަޝްރޫއުތައް ނުހިމެނޭކަމުގެ ތުހުމަތުކުރައްވާފައެވެ. ނަމަވެސް ޕީއެންސީ މެންބަރުން ވަނީ މި ބަޖެޓަކީ ފާއިތުވި އަހަރުތަކާ އަޅާބަލާއިރު ގައުމުގެ ހާލަތު ރަނގަޅުކުރެވޭނެ ވަރުގެ ރަނގަޅު ބަޖެޓެއް ކަމަށް ވިދާޅުވެ، ދިފާއުކުރައްވާފައެވެ.
ބަޖެޓު ކޮމިޓީ މަރުހަލާގައި، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވަނީ ބަޖެޓަށް ޖުމްލަ އަށް ހުށަހެޅުން ހުށަހަޅުއްވާފައެވެ. އޭގެ ތެރޭގައި، ފިނޭންސް މިނިސްޓްރީން ހުށަހެޅި ގޮތަށް އާމްދަނީ އާއި ހިލޭ އެހީގެ ކަންތައްތައް ފާސްކުރުމާއި، އާމްދަނީ ހޯދުން ހަރުދަނާކުރުމަށް ޓެކްސް އިދާރީ ގާނޫނަށް ގެނެވުނު އިސްލާހުތައް ބަޖެޓާއެކު ފާސްކުރުން ހިމެނެއެވެ. އަދި ސަރުކާރު އޮފީސްތަކާއި މިނިވަން މުވައްސަސާތަކުގެ ބަޖެޓަށް ގެނެވުނު ބަދަލުތައް 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް ވެސް ހުށަހެޅުއްވިއެވެ.
މީގެ އިތުރުން މެންބަރު ސައުދުﷲ ހިލްމީގެ ހުށަހެޅުންތަކުގެ ތެރޭގައި، 2026 ވަނަ އަހަރަށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ކަނޑައަޅާފައިވާ 8.3 ބިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީން ހުށަހެޅި ގޮތަށް ފާސްކުރުމާއި، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓަށް އިތުރުކުރި 3.5 މިލިއަން ރުފިޔާ ހާއްސަ ބަޖެޓުން އުނިކުރުން ހިމެނެއެވެ. ހަތްވަނަ ކަމެއްގެ ގޮތުގައި، އިމާރާތާއި ބިމުގެ ކުއްޔަށް ހިމަނާފައިވާ 178.3 ބިލިއަން ރުފިޔާގެ ހަރަދު ކުޑަކޮށް، ސަރުކާރުގެ އިތުރު އޮފީސް އިމާރާތްތަކުގެ މަސައްކަތް އަވަސްކުރުމަށް ވެސް ހުށަހެޅުއްވިއެވެ.
މި ހުށަހެޅުންތަކާއެކު، ކޮމިޓީން ފާސްކުރި ބަޖެޓުގައި 40.2 ބިލިއަން ރުފިޔާ އާމްދަނީއަށް ލަފާކޮށްފައިވާއިރު، 39.9 ބިލިއަން ރުފިޔާ ރިކަރަންޓް ހަރަދަށާއި، 9.3 ބިލިއަން ރުފިޔާ ކެޕިޓަލް ހަރަދަށް ހިމަނާފައިވެއެވެ. އަދި ބަޖެޓު ޑެފިސިޓުގެ ގޮތުގައި 8.8 ބިލިއަން ރުފިޔާ ހިމެނޭ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.


