ބެއިރޫތުގެ ދެކުނުގައިވާ ހާރެތް ހުރައިކްގެ ރައްކާތެރިކަން ކުޑަ އަވަށްގަނޑެއްގައި ހުރި އިމާރާތަކަށް ދިން މި ހަމަލާގެ އަމާޒަކީ ހިޒްބުالله ގެ އެންމެ އިސް އަސްކަރީ އޮފިޝަލުންގެ ތެރޭގައި ހިމެނޭ، އެ ޖަމާއަތުގެ ދުވަސްވީ މެމްބަރެއް ކަމަށްވާ ހައިތަމް އަލީ ތަބާތަބާއީއެވެ. ތަބާތަބާއީ އަވަހާރަވިކަން އިޒްރޭލާއި ހިޒްބޮއްލާގެ އޮފިޝަލުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ. އާދިއްތަ ދުވަހުގެ މި ހަމަލާގައި ފަސް މީހުން މަރުވެ، 28 މީހުން ޒަޚަމްވި ކަމަށް ލުބްނާނުގެ ހެލްތު މިނިސްޓްރީން ބުނެއެވެ.
އިޒްރޭލުން އާދިއްތަ ދުވަހު ބެއިރޫތަށް ދިން މި ހަމަލާއަކީ ޖޫން މަހަށް ފަހު އެ ރަށަށް ދިން ފުރަތަމަ ހަމަލާއެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން ތަބާތަބާއީ ސިފަކޮށްފައިވަނީ ހިޒްބުالله ގެ ޗީފް އޮފް ސްޓާފްގެ ގޮތުގައެވެ. އިޒްރޭލުން ވަނީ އެމެރިކާ މެދުވެރިވެގެން ވެވުނު އެއްބަސްވުމަކަށް ފަހު، އެންމެ ފަހުން ހިނގި ހަނގުރާމަ ނިމުނުތާ އަހަރެއް ވީއިރު، އީރާނުގެ އެހީ ލިބޭ މި ޖަމާއަތަށް ހަތިޔާރު އަލުން ހޯދައި، އަސްކަރީ ބާރު އަލުން ބިނާނުކުރުމަށް އިންޒާރު ދީފައެވެ.
ހިޒްބުالله ގެ އެންމެ އިސް އަސްކަރީ ކޮމާންޑަރުގެ ޖަނާޒާގައި ހޯމަ ދުވަހު އެތައް ހާސް ބަޔަކު ބައިވެރިވިއެވެ. ހިޒްބުالله ގެ ސަޕޯޓަރުން ވަނީ އެ ޖަމާއަތުގެ ރީނދޫ ދިދަ އޮޅާފައިވާ ތަބާތަބާއީގެ ސަންދޯކު ކައިރިން ހިނގާފައެވެ. ތަބާތަބާއީ އާއި ހިޒްބޮއްލާގެ އިތުރު ދެ މެމްބަރުން ވަޅުލާފައިވަނީ ހިޒްބުالله ގެ މެމްބަރުންގެ ޖަނާޒާގެ ކަންތައްތައް އާންމުކޮށް ކުރިއަށް ގެންދާ ބެއިރޫތުގެ ދެކުނުގައިވާ ގަބުރުސްތާނެއްގައެވެ.
ފްރާންސްގެ ފޮރިން މިނިސްޓްރީން ހޯމަ ދުވަހު ވަނީ މި ހަމަލާއާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ހަމަލާތައް އިތުރުވެދާނެ ކަމަށް ބުނެފައެވެ. އަދި ހަމަލާތަކުގެ އިންޒާރުތައް ރިޕޯޓުކުރުމަށް ހަމަލާ ހުއްޓާލުމުގެ އިންތިޒާމުތަކުގެ ތެރެއިން ދިއުމަށް ގޮވާލާފައިވާއިރު، ހަރުކަށި ނޭޅުމަށް ވެސް ވަނީ ގޮވާލާފައެވެ.
އިޒްރޭލުން ދެކުނު ލުބްނާނަށް ދޭ ވައިގެ ހަމަލާތައް ވަނީ ފާއިތުވި ހަފްތާތަކުގައި އިތުރުވެފައެވެ. މިކަމުގެ ސަބަބުން އިޒްރޭލާއި އެމެރިކާއިން ލުބްނާނަށް ހިޒްބުالله ގެ ހަތިޔާރު ނައްތާލުމަށް ޕްރެޝަރު ކުރަމުންދެއެވެ. އިޒްރޭލުން ބުނާ ގޮތުގައި މި ޖަމާއަތުން ދަނީ އަލުން އަސްކަރީ ބާރު ބިނާކުރުމަށް މަސައްކަތް ކުރަމުންނެވެ. ހިޒްބުالله ގެ ހަތިޔާރު ނައްތާލުމަށް ތާއީދުކުރާ ލުބްނާނުގެ ސަރުކާރުން ވަނީ މި ދަޢުވާތައް ދޮގުކޮށްފައެވެ. އަދި އެ ގައުމުގެ ސިފައިން ދެކުނަށް ފޮނުވާފައިވާ ކަމަށް ބުނާއިރު، ފައިސާގެ ދަތިކަން ހުރި އެ ގައުމުގެ އަސްކަރިއްޔާއަށް އިތުރު ވަސީލަތްތައް ބޭނުންވާކަމަށް ވެސް ބުނެއެވެ.
މިދިޔަ ޑިސެމްބަރު މަހު ހިޒްބުالله އިން ވަނީ އިޒްރޭލުގެ އަސްކަރީ ބޭސްއެއް ކައިރީގައި ހުޅުވިފައިވާ ސަރަހައްދަކަށް ރޮކެޓްތަކެއް ފޮނުވާލާ، އެއީ އިންޒާރެއް ކަމަށް ބުނެފައެވެ. މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހަމަލާ ހުއްޓާލުމާ ގުޅިގެން ހިޒްބުالله އިން ހަމަލާދިން ހަމައެކަނި ފަހަރެވެ.


