Tuesday, 28 July 2026
އެމްޑީޕީގެ ޗެއާޕަސަން ފައްޔާޒު އިސްމާއިލް

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ފައްޔާޒު އިސްތިއުފާ ދެއްވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންގެ މަގާމުން ފައްޔާޒު އިސްމާއިލް އިސްތިއުފާ ދެއްވައިފި އެވެ. ގައުމީ މަޖިލީހުގެ މެންބަރުންނަށް ފޮނުއްވި ސިޓީއެއްގައި ފައްޔާޒު ވިދާޅުވީ، ޕާޓީގެ ކަންކަން ކުރިއަށް ގެންދިއުމަށް ހުރަހަކަށް ނުވުމަށްޓަކައި މި ނިންމުން ނިންމެވީ ކަމަށެވެ. އަދި ޕާޓީގެ ލީޑަރުންނާ މެދު މެންބަރުން ބަސްބުނުމުގެ ފުރުސަތު ހުޅުވާލުމުގެ ވައުދު ފުއްދުމުގެ ގޮތުން ވެސް މި އިސްތިއުފާ ދެއްވީ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ފައްޔާޒު އިސްތިއުފާ ދެއްވި ސިޓީގައި ޕާޓީގެ އެތެރޭގެ ހަމަނުޖެހުންތަކަށް އަލިއަޅުވާލާފައިވެ އެވެ. އޭނާ ވިދާޅުވީ، 2022 ވަނަ އަހަރުގެ އޯގަސްޓް މަހު ކޮންގްރެސްއެއް ބޭއްވުނީ ޕާޓީގެ ލީޑަރުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރުމަށް ކަމަށެވެ. ނަމަވެސް، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާނެކަމުގެ އިޝާރާތްތައް ފެނުމުން، އެކަމުގެ ސަބަބުން ޕާޓީ ބައިބައިވެ، ގައުމަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް އިހުސާސްކުރެވުނު ކަމަށް ވިދާޅުވެފައި ވެ އެވެ.

މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ރައީސް ނަޝީދުގެ އެދިވަޑައިގަތުމުގެ މަތީން އެމަނިކުފާނުގެ ޓީމާއެކު ފަސް ފަހަރު ބައްދަލުކުރެވުނު ކަމަށް ފައްޔާޒު ހާމަކުރެއްވި އެވެ. އެ ބައްދަލުވުންތަކުގައި ނަޝީދުގެ ޓީމުން ހުށަހެޅީ ރިޔާސީ ޕްރައިމަރީގައި ނަޝީދު ވާދަނުކުރުމަށާއި، އޭގެ ބަދަލުގައި ރިޔާސީ އިންތިހާބުގެ ކުރިން ނިޒާމީ ވޯޓެއް ނަގައި، އެމްޑީޕީން ބަރުލަމާނީ ނިޒާމަށް ތާއީދުކުރުމަށެވެ. ނަމަވެސް މި މަޝްވަރާތަކުން އެއްބަސްވުމަކަށް ނާދެވި ހުއްޓާލަން ޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ.

ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެދިވަޑައިގަތުމަށް އަނެއްކާ ވެސް ނަޝީދާ އެކު މަޝްވަރާތައް ފެށި ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި އެއްބަސްވުމަކަށް އާދެވުނު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އެ އެއްބަސްވުމުގައި އޮތީ ރިޔާސީ ޕްރައިމަރީއެއް ނުބާއްވައި، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވާދަކުރެއްވުމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ކުރިން ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކަށް ވޯޓަށް އެހުމާއި، އެ ވޯޓުގައި އެމްޑީޕީން ވަކިކޮޅެއް ނުނަގާ ގޮތަށް އެއްބަސްވުނެވެ.

ނަމަވެސް، އެ އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ނުދިއުމަށް ޕާޓީގެ ބައެއް އިސް ފަރާތްތަކަށް ގަބޫލުކުރެވުނު ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ޕްރައިމަރީ ނިމުނުއިރު ޕާޓީ ދެފަޅިވެ، ރިޔާސީ އިންތިހާބު ވެސް ގެއްލިގެން ދިޔައީ އެވެ. މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކައިރިވިއިރު ވެސް ޕާޓީގެ އެތެރޭގެ ނުތަނަވަސްކަން ހައްލުނުވެ އޮތް ކަމަށާއި، ކޯލިޝަނެއް ހަދައި ގޮނޑިތަކަށް ވާދަކުރުމަށް ހުށަހެޅުމުން އެ ހުށަހެޅުމަށް ތާއީދު ނުލިބުނު ކަމަށް ވެސް ފައްޔާޒު ވިދާޅުވެފައި ވެ އެވެ. މި ހާލަތުގައި ޕާޓީގެ މަސްލަހަތަށްޓަކައި އޭނާ އިސްތިއުފާ ދެއްވީ ކަމަށް ވެސް ސިޓީގައި ވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *