Tuesday, 28 July 2026

ފުލުހުންނަށް ކުރާ އިތުބާރު ގެއްލުވާލަން އެއްވެސް މުވައްޒަފަކަށް ފުރުސަތެއް ނުދޭނަން: ފުލުހުންގެ ހިދުމަތް

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި، 31 ކާޓަން ސިނގިރޭޓު ގެއްލިފައިވާއިރު، ރައްޔިތުން އެ މުއައްސަސާއަށް ކުރާ އިތުބާރު ގެއްލުވާލަން އެއްވެސް ފުލަހަކަށް ފުރުސަތެއް ނުދޭނެ ކަމަށް ފުލުހުން ބުނެފިއެވެ.

ވިލިމާލެ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ސިނގިރޭޓް ކާޓަންތަކެއް ގެއްލުނު މައްސަލައާ ގުޅިގެން ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ އެކަންކަމަކީ ފުލުހުންގެ ފަރާތުން ފެންނަންޖެހޭ އަހުލާގާއި، ހަރުދަނާ މަސައްކަތުގެ ރޫހާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށެވެ.

އަދި އެ މުއައްސަސާގެ ޚިދުމަތްތައް ބައްޓަން ކުރަމުން ދަނީ، ހުރިހާ ފުލުހުންނަކީ ނަޒާހަތްތެރިކަން ހިފަހައްޓައި، ސާބިތުކަމާ އެކީ ދެމިތިބެ އިޚުލާސްތެރި ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދޭ ބަޔަކަށް ހެދުމުގެ އަމާޒުގައިކަން ބަޔާނުގައި ފާހަގަކުރިއެވެ.

އަދި މިކަމުގައި ބައިވެރިވެފައިވާ ފަރާތް ނުވަތަ ފަރާތްތައް ދެނެގަނެ، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ އެންމެހައި ކަންކަން އެ ހިދުމަތުން ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ މުއައްސަސާގެ ހުރުމަތް ކުޑަކޮށް އާންމު ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ގެއްލުވާލަން އެއްވެސް މުވައްޒަފަކަށް ފުލުހުންގެ ހިދުމަތުން ފުރުސަތެއް ނުދޭނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ފުލުހުން އިއްޔެ ވަނީ، އެ މުއައްސަސާގެ ބެލުމުގެ ދަށުގައި ހުރި 31 ކާޓަން ސިނގިރޭޓު ގެއްލުނު މައްސަލަތަކެއް ބަލަމުން އަންނަ ކަމަށް ބުނެފައެވެ. އޭގެ ތެރޭގައި ހިމެނެނީ، ގަވައިދާ ޚިލާފަށް އެތެރެކުރި ކަމަށް ތުހުމަތުކުރެވިގެން ވިލިމާލެ ޕޮލިސް ސްޓޭޝަންފެ ބެލުމުގެ ދަށުގައި ހުރި 32 ކާޓަންގެ ތެރެއިން ހަ ކާޓަން ސިނގިރޭޓު ވަނީ ގެއްލިފައެވެ.

އެ ތަކެތި ގެއްލިފައިވާކަން ފުލުހުންނަށް އެނގުނީ، މިދިޔަ ހަފުތާގެ ބުދަ ދުވަހެވެ.

މީގެ އިތުރުން، މިދިޔަ އަހަރުގެ ޑިސެމްބަރު 23ގައި ދެ ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި، 25 ކާޓަން ސިނގިރޭޓު މަދުވެފައިވާކަން ފާހަގަވެފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ. އެ ކާޓަންތައް ވެސް ހުރީ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައެވެ.

އެ މައްސަލަތަކާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ، ދެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގަމުން އަންނަ ކަމަށެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *