އިސްލާމްދީނުގެ ހުދޫދުން ބޭރުވާ ގޮތައް ކަންކަން ނުކުރުމަށާއި ހެދިބޮޑުވަމުން އަންނަ ޖީލަށް އިސްލާމީ ސަގާފަތާ އެއްގޮތައް ހެޔޮ ނަމޫނާ ދައްކާ ބަޔަކަށް ވުމަށް ދިވެހި ފިލްމާއި މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގައި ހަރަކާތްތެރިވާ މީހުންގެ ކިބައިން ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
އެ މަނިކުފާނު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމަކަށްވާއިރު، އިސްލާމް ދީނާ އެއްގޮތަށް ދިވެހީންގެ އަމަލުތައް ބެހެއްޓުމަކީ އުފަލާއެކީ ކުރަންވާނެ ކަމެއް ކަމަށެވެ.
“މުސްލިމުންގެ ސަގާފަތާއި ހިލާފުކަންކަމާ އަޅުގަނޑުމެން ދުރުވާންޖެހޭނެ. ފިލްމާއި މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގެ ބޭފުޅުންގެ އަރިހުން ވެސް އަޅުގަނޑު އެދެނީ އިސްލާމްދީނުގެ ހުދޫދުން ބޭރުވާ ގޮތައް ކަންކަން ނުކުރެއްވުމަށް." ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ، އިސްލާމްދީނުގެ ހުދޫދުން ބޭރުވާ ގޮތަށް ކަންކަން ނުކުރުމަށް އެދާއިރާގައި އުޅޭ މީހުން ކިބައިން އެދިވަޑައިގެންފައެވެ.
އޭގެއިތުރަށް، ހެދިބޮޑުވަމުން އަންނަ ޖީލަށް އިސްލާމީ ސަޤާފަތާ އެއްގޮތައް ހެޔޮ ނަމޫނާ ދައްކާ ބަޔަކަށް ވުމަކީ ގައުމަށްޓަކައި ދިވެހީންނަށް ކޮށްދެވޭނެ އެންމެ އަގުހުރި ޚިދުމަތުގެ ގޮތުގައި އެ މަނިކުފާނު ސިފަކުރައްވާފައެވެ.


