އިސްލާމީ ހުދޫދުގެ ތެރެއިން ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނާނެ ކަމަށާއި އޭގެ ބޭރުން ހިޔާލުފާޅުކުރަން ޖެހޭނީ ރާއްޖޭން ބޭރަށް ގޮސް ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ބޭއްވި ބޮޑު ޖަލްސާގައި ރައީސް ވިދާޅުވީ، "ފަރަންޖީ ކޮން ތަނަކުން" ކިތަންމެ ގިނަ ބަޔާނެއް ނެރުނަސް އެ މަނިކުފާނަށް ފަރުވާލެއް ނެތް ކަމަށާއި ރާއްޖޭގައި އޮންނާނީ ދިވެހިން ބޭނުންވާ ގޮތް ކަމަށެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ، ސޯޝަލް މީޑިއާ ކޮންޓްރޯލްކުރާ ގާނޫނާ ދެކޮޅަށް ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ބައެއް ޖަމިއްޔާތަކުންނާއި ބޭރުގެ ބައެއް އެމްބަސީތަކުން ވާހަކަ ދައްކާފައި ވަނިކޮށެވެ.
އެ މަނިކުފާނު ވިދާޅުވީ، ކޮންމެ މީހެއްގެ ވެސް އަބުރެއް އޮންނާނެ ކަމަށާއި އިސްލާމް ދީނުގައި ވެސް ބަޔާންކޮށްފައިވާ އެންމެ ބޮޑު އެއް ހައްގަކީ އަބުރު ރައްކާތެރިކުރުން ކަމަށެވެ. އަދި އެންމެންގެ މެދުގައި އަބުރު ރައްކާތެރިކަން އޮތީ ހަމަހަމަކޮށް ކަމަށް ރައީސް ވިދާޅުވި އެވެ.
"ކޮންމެ މީހެއްގެ ވެސް އަބުރެއް، ކަރާމާތެއް އެބަ އޮތް. އެ އިންސާނީ ކަރާމާތް ވެއްޔާ މޮޑެން މި ސަރުކާރަކުން ފުރުސަތެއް ނުދޭނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގައި ހަމަޖެހުން ގާއިމްކުރުމަށް އެންމެ މުހިންމު އެއް ހައްގަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތުމެވެ. އަދި އެ ހައްގު ރާއްޖޭގައި އޮތީ "ތަންމިނަށް" ފުރިހަމަ އަށް ހުޅުވިފައި ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމަކު، ތަކުރާރުކޮށް އެ މަނިކުފާނު ވިދާޅުވީ އެއީ އިސްލާމް ދީނުގެ ހުދޫދުގެ ތެރެއިން ކަމަށެވެ.
މި ސަރުކާރުން ރައްޔިތުންގެ ހައްގުތައް ފުޅާކޮށްދޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. އެގޮތުން ކުރިން މާލޭގައި، ހުއްދަ ނުހޯދާ އެއްވެވޭ ތަނަކަށް ކާނިވާ ސަރަހައްދު އެކަނި އޮތުން ބަދަލުކޮށް އިތުރު ހަތަރު ސަރަހައްދެއް ހިމެނިކަން ވެސް ފާހަގަކުރެއްވި އެވެ.
ނަމަވެސް ސަރުކާރާ ދެކޮޅަށް ބަޔަކު އެއްވާ ތަނެއް ވެސް ނުފެންނަ ކަމަށާއި ރައްޔިތުން ބޭނުންވާ ގޮތް، ޕީއެންސީގެ ޖަލްސާއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން މިރޭ މީހުން އެއްވި މިންވަރުން ވެސް އެނގޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.


