ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހައުސިން ސަބްސިޑަރީ ކުންފުނި މެދުވެރިކޮށް 3000 ހައުސިން ޔުނިޓް އެޅުމަށްޓަކައި، އެކަމަށް ބޭނުންވާ ބިން ސަރުކާރުން ރަސްމީކޮށް ބީއެމްއެލްއާ ހަވާލުކޮށްފިއެވެ.
މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ސޮއިކުރެއްވިއިރު، ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެފޯޑަބަލް ހޯމް ލީޒިންގ ޕްރައިވެޓް ލިމިޑެޓުގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާމެވެ. މި މަޝްރޫޢު ކުރިއަށްގެންދަނީ ވިލިމާލޭގައި 300 ޔުނިޓާއި، ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގައި ޖުމުލަ 2700 ޔުނިޓް ހިމެނޭ ގޮތަށެވެ.
މި ސްކީމަކީ މިދިޔަ މަހުގެ 5 ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުން ނިންމެވި، ރައްޔިތުންގެ މެދުގައި ބޯހިޔާވަހިކަމަށް ކެރިފޯރުންތެރިކަން އިތުރުކުރުމަށްޓަކައި ހިންގާ ނެޝަނަލް ހައުސިންގ އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މިއީ މާލީ އިދާރާތަކުގެ އެހީތެރިކަމާއެކު ބޯހިޔާވަހިކަމުގެ ޔުނިޓުތައް ތަރައްޤީކޮށް، ލީޒް-ޓު-އޯން މޮޑެލްއެއްގެ ދަށުން އާންމު ރައްޔިތުންނަށް އެ ޔުނިޓުތައް މިލްކުކުރެވޭނެ ނިޒާމެކެވެ. މި މަސައްކަތަށް ޚާއްސަކޮށް، އެމްއެމްއޭގެ ޤަވާއިދުތަކާ އެއްގޮތަށް، ބީއެމްއެލްއިން ވަނީ ބީއެމްއެލް އެފޯޑަބަލް ހޯމް ލީޒިން ފްރައިވެޓް ލިމިޓެޑްގެ ނަމުގައި ސަބްސިޑަރީ ކުންފުންޏެއް އުފައްދާފައެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ޤައުމީ ބޭންކުގެ ޙައިސިއްޔަތުން މި ސްކީމްގައި އިސްނަގައިގެން މަސައްކަތްކުރުމަކީ ޒިންމާދާރުކަމެއް ކަމަށެވެ. ޝަރީފް އިޝާރާތް ކުރެއްވި ގޮތުގައި، މި ސްކީމްގައި ހައުސިން ޔުނިޓް ތަރައްޤީކޮށް ކުއްޔަށް ދޫކޮށް، ފައިސާ ހަމަވުމުން އަމިއްލަ ކުރެވޭގޮތަށް ކުރިއަށްގެންދާއިރު، ސަރުކާރުން ބިން ދިނުމުގެ ސަބަބުން ލޭންޑް ކޮސްޓާއި، ފައިނޭންސް އަދި ޑިވެލޮޕްމަންޓް ކޮސްޓް ވަރަށް ބޮޑަށް ކުޑަވާނެއެވެ. އެހެންކަމުން، ކުއްޔަށް ދޫކުރެވޭ އަގުތައްވެސް ވަރަށް ބޮޑަށް ކުޑަކުޑަކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، މި މޮޑެލްގައި ސްކީމް ކުރިއަށްގެންދިއުމުން ބޭންކަށް އަދި ކުއްޔަށް ނަގާ މީހާއަށްވެސް ބޮޑެތި ލުއިތައް ލިބޭނެކަމަށެވެ. ރާއްޖޭގައި ދޫކުރާ ލޯނުގެ %52 ޙިއްސާކުރާ ކުންފުންޏެއްގެ ހައިސިއްޔަތުން، މި މަސައްކަތްވެސް ކަނޑައަޅާފައިވާ ތާވަލަށް ވީހާވެސް އަވަހަށް ކުރިއަށްގެންގޮސް ނިންމާ، ރައްޔިތުންނަށް އޭގެ ފުރިހަމަ މަންފާ ހޯދައިދޭނެކަމުގެ ޔަޤީންކަން ބީއެމްއެލްގެ ސީއީއޯ ވަނީ ދެއްވާފައެވެ.


