މޯލްޑިވްސް އިމިގްރޭޝަންގެ އައު އީ-ވިސާ ޚިދުމަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން ރަސްމީކޮށް ހުޅުވާލާނެކަމަށް އެ އިދާރާއިން ބުނެފިއެވެ. މިއީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ވިސާގެ ޚިދުމަތްތައް ފަސޭހަކޮށްދިނުމަށްޓަކައި ތަޢާރަފްކުރި ޑިޖިޓަލް ޚިދުމަތެކެވެ. މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިމަހުގެ 10 ވަނަ ދުވަހުއެވެ.
އިމިގްރޭޝަނުން މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން އީ-ވިސާއަށް ހުށަހެޅުމަށް ނިންމާފައިވަނީ، ޚިދުމަތަށް އެދި ހުށަހަޅާ ފަރާތްތަކަށް އައު މަރުހަލާއަށް ތައްޔާރުވުމުގެ ފުރުޞަތު ދިނުމުގެ ގޮތުންނެވެ. މި މުއްދަތުގެ ތެރޭގައި އީ-ވިސާއަށް އެދި ހުށަހަޅާނެ ގޮތުގެ ތަފްސީލީ ޓިއުޓޯރިއަލްތައް އިމިގްރޭޝަންގެ އެކި ޕްލެޓްފޯމްތަކުގައި ޝާއިޢުކުރެވޭނެ ކަމަށް އެ އިދާރާއިން ހާމަކުރެއެވެ. މީގެ އިތުރުން މޯބައިލް އެޕްލިކޭޝަނާއި ފޭޝަލް ރިކޮގްނިޝަން އެޕްލިކޭޝަން ވެސް ވަނީ އެ ދުވަހު އިފްތިތާޙްކޮށްފައެވެ.
މި ބަދަލާ ގުޅިގެން އިމިގްރޭޝަނުން ވަނީ މިހާރުވެސް ޢަމަލުކުރަމުންދާ ގޮތަށް ވިސާއަށް އެދި ޕާސްޕޯޓު ހުށަހެޅުމުގެ ފުރުޞަތު މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ. އަދި މިމަހުގެ 23 ވަނަ ދުވަހަށްފަހު، ވިސާ ޖެހި ނަމަވެސް އިމިގްރޭޝަނުން ނުނަގާ ހުރި ޕާސްޕޯޓުތައް ދޫކުރާނެ ކަމަށް ވެސް އެ އިދާރާއިން ވިދާޅުވިއެވެ. އިމިގްރޭޝަނުން ވަނީ، ވިސާ ޖެހުމަށްފަހު ނުނަގާ ހުރި ޕާސްޕޯޓުތައް ވީ އެންމެ އަވަސް ފުރުޞަތެއްގައި ނެގުމަށް އެދި އިލްތިމާސްކޮށްފައެވެ.
އީ-ވިސާގެ ޚިދުމަތް ތަޢާރަފްކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ވިސާގެ ކަންކަން ކުރުމަށް ކުރިން ދިމާވާ ދިގު މުއްދަތާއި އިމިގްރޭޝަނަށް ދާންޖެހޭ ޖެހުން ނިމުމަކަށް ގެނައުމެވެ. މިހާރު މި ޚިދުމަތާއެކު، ވިސާގެ އެންމެހާ ކަންކަން އިމިގްރޭޝަން އޮފީހަށް ނުގޮސް ފަސޭހަކަމާއެކު އޮންލައިންކޮށް ކުރެވޭނެއެވެ.


