Tuesday, 28 July 2026

މުޅި ރާއްޖޭގެ ސިއްހީ ހާލަތު ދެނެގަތުމަށްޓަކައި ދިރާސާއެއް ހަދަން ނިންމައިފި

ރާއްޖޭގެ ޞިއްޙީ ހާލަތު އެންމެ ފުޅާ ދާއިރާއެއްގައި ދެނެގަތުމަށްޓަކައި، އަންނަ އަހަރު ގައުމީ ފެންވަރުގައި ދިރާސާއެއް ހެދުމަށް ހެލްތު މިނިސްޓްރީން މިއަދު ވަނީ ޔުނިސެފް އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. 'މަލްޓިޕްލް އިންޑިކޭޓަ ކްލަސްޓާ ސާވޭ' ގެ ނަމުގައި ކުރިއަށް ގެންދާ މި ދިރާސާގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް ވަނީ ނިންމާފަ އެވެ.

މި އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމެވެ. އަދި ޔުނިސެފްގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ޚާއްސަ މަންދޫބު ޑރ. އެޑްވަޑް އަޑާއީ އެވެ. މި ދިރާސާގެ މަޤްސަދަކީ ރާއްޖޭގެ ޞިއްޙީ ދާއިރާގެ ދުރު ރާސްތާ ޕްލޭނާއި ސިޔާސަތުތައް އެކުލަވާލުމަށް ބޭނުންވާ މައުލޫމާތުތައް އެއްކުރުން ކަމަށް މިނިސްޓްރީން ބުނެ އެވެ.

މިނިސްޓަރު ޢަބްދުﷲ ނާޒިމް ވިދާޅުވީ، މިއީ ބައިނަލްއަޤުވާމީ ފެންވަރުގައި އާބާދީ އާއި ޞިއްޙަތާ ގުޅުންހުރި މިންގަނޑުތަކާއި، އާބާދީގެ މައިގަނޑު ސިއްޙީ ހާލަތާއި، ޞިއްޙީ ޚިދުމަތްތަކުގެ ހާލަތު ދެނެގަތުމަށް ކުރިއަށް ގެންދާ މުހިންމު ދިރާސާއެއް ކަމަށެވެ. "ބޭނުމަކީ ޞިއްޙީ ހާލަތު ދެނެގަނެ ސިއްހީ ދާއިރާގެ ދުރު ރާސްތާ ޕްލޭނާއި، ސިޔާސަތުތަކަށް ބޭނުންވާ މަޢުލޫމާތު އެއްކުރުން،" ނާޒިމް ވިދާޅުވި އެވެ.

މި ދިރާސާގެ ތެރެއިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް މަޢުލޫމާތު އެއްކުރެވޭނެ އެވެ. ޖުމްލަ 6000 ގޭބިސީއަކަށް ޒިޔާރަތްކޮށްގެން ކުރިއަށް ގެންދާ މި ދިރާސާގައި އާބާދީގެ ޞިއްޙަތާއި، ދަރިމައިވުމުގެ ޞިއްޙަތާއި، ކުޑަކުދިން ހެދިބޮޑުވަމުންދާ މިންވަރާއި، ދިވެހިން ޢާންމުކޮށް ކައިބޮއެ އުޅޭ ތަކެއްޗާ ބެހޭ މުހިންމު މައުލޫމާތުތައް ހިމެނޭނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *