Tuesday, 28 July 2026

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 97 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ޝަރަފުގެ އިނާމު ދެއްވައިފި

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ބޭއްވެވި ރަސްމީ ޖަލްސާގައި، ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 97 ބޭފުޅެއްގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެ ބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަނަ އަދި ހަނދާނީ ލިޔުން ދެއްވައިފިއެވެ. ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ބޭއްވެވި މި ރަސްމިއްޔާތު ބާއްވާފައިވަނީ ޒުވާނުންގެ މަރުކަޒުގެ ހޯލުގައެވެ.

މި ޝަރަފުވެރި އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޤާބިލުކަމާއި އިޚްލާޞްތެރިކަމާއެކު ކުރެއްވި ޚިދުމަތްތަކަށާއި، އެ ބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ދެއްވާ ޤައުމީ އިނާމެކެވެ. މިއަދު އިނާމު ލިބިވަޑައިގެންނެވި 97 ބޭފުޅުންނަކީ 35 އަހަރާއި 39 އަހަރާ ދެމެދުގެ މުއްދަތަކަށް ދައުލަތަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންކަން ފާހަގަކޮށްލެވެއެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދެއްވަން ފެށުނީ 2021 ވަނަ އަހަރުގައެވެ. އެއީ ދިގު މުއްދަތަކަށް އިޚުލާޞްތެރިކަމާއެކު ޚިދުމަތް ކުރެއްވި ގިނަ ބޭފުޅުންގެ އަގު ޤައުމީ ފެންވަރެއްގައި ވަޒަންކުރުމުގެ މުހިންމުކަން ފެނިވަޑައިގެންނެވުމާ ގުޅިގެންނެވެ. މީގެ ކުރިން މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި، 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތްކުރެއްވި 94 ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވާ އިނާމު ދެއްވާފައިވާކަން ފާހަގަކުރެވެއެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުން ކަނޑައެޅުއްވުމުގެ މަސައްކަތް ކުރެއްވީ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ. މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ، ދިގު މުއްދަތަކަށް ދައުލަތަށް ޚިދުމަތް ކުރައްވައިގެން ޝަރަފުގެ ބެޖާއި އައްޑަނަ ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް މަރުޙަބާ އާއި ތަހުނިޔާ ވިދާޅުވެ، އެ ބޭފުޅުންގެ އަގު ވަޒަންކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *