ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވެވި ރަސްމީ ޖަލްސާގައި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު 34 ބޭފުޅަކަށް މިއަދު ދެއްވައިފިއެވެ. މި އިނާމުތައް އެބޭފުޅުންނާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ. މި ޝަރަފުވެރި ޖަލްސާ ބާއްވާފައިވަނީ މިއަދު ހެނދުނު ޒުވާނުންގެ މަރުކަޒުގެ ހޯލުގައެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަކީ، ޢިލްމާއި ހުނަރާއި، އުފެއްދުންތެރިކަމުގެ ދާއިރާއިން ހިތްވަރާއެކު ހޯދާ ކާމިޔާބީތައް ފާހަގަކުރުމުގެ ގޮތުން ޤައުމީ ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފެކެވެ. މި އިނާމު ދިނުމުގެ މަޤްޞަދަކީ ދިވެހި ޤައުމަށް ފައިދާހުރި، އުފެއްދުންތެރި، އަދި ޢިލްމީ ޖީލެއް ބިނާކުރުމަށް މަގުފަހިކޮށްދިނުމެވެ. މި އަހަރު މި އިނާމު ދިނުމަށް ނިންމާފައިވަނީ 2022 ވަނަ އަހަރު ނުވަތަ އޭގެ ފަހުން ލިބިފައިވާ ކާމިޔާބީތަކަށެވެ.
މި އަހަރު ޚާއްޞަ އިނާމު ލިބިވަޑައިގެންނެވި 34 ބޭފުޅުންގެ ތެރޭގައި ތަފާތު ކެޓަގަރީތަކުގެ ފަރާތްތައް ހިމެނެއެވެ. އޭގެ ތެރެއިން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބެއް ހޯދި 8 ބޭފުޅުން ހިމެނެއެވެ. އަދި ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7، 8، ނުވަތަ 9 ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެ މަތީ ވަނަ ހޯދި 23 ބޭފުޅުން ވެސް މި ލިސްޓުގައި ހިމެނެއެވެ. މީގެ އިތުރުން، ބައިނަލްއަޤުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯއްދަވައިގެން އިނާމު ހާސިލު ކުރެއްވި 2 ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވައެވެ.


