Wednesday, 29 July 2026

ޞިއްޙީ ދާއިރާއަށް ޚިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފު މޫސާ އަންވަރަށް އަރުވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޞިއްޙީ ދާއިރާއަށް ޚިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފު، އައްޑޫ އަތޮޅު މީދޫ މޫސާ އަންވަރަށް އަރުވައިފިއެވެ. މި ޝަރަފު އެރުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ޖަލްސާގައެވެ. މޫސާ އަންވަރުވަނީ ދިވެހި ދައުލަތަށް 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޞިއްޙީ ދާއިރާއިން އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.

އޭނާގެ ޞިއްޙީ ޚިދުމަތް ފެށިފައިވަނީ ޢުމުރުން 16 އަހަރުގައެވެ. އެއީ އައްޑޫގައި އިނގިރޭސިން ތިބި ދުވަސްވަރު، ގަމުގައި ހުންނަ ރޯޔަލް އެއަރފޯސްގެ ރީޖަނަލް މެޑިކަލް ސެންޓަރުގައެވެ. 1977 ވަނަ އަހަރު މާލެއަށް ބަދަލުވެ، އޭރުގެ އެލައިޑް ހެލްތު ސަރވިސް ސެންޓަރުގައި ޕްރެކްޓިކަލް ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފެއްޓެވިއެވެ. މި މުއްދަތުގައި އޭނާ ވަނީ ނަރުހުންނާއި، ކޮމިއުނިޓީ ހެލްތު ވޯކަރުންނާއި، ފެމިލީ ހެލްތު ވޯކަރުން ތަމްރީންކުރުމުގެ އިތުރުން، އޭރު ޚިދުމަތުގައި ތިއްބެވި ފޫޅުމައިންނަށް ޒަމާނީ ތަމްރީނުތައް ދެއްވުމުގައި މުހިއްމު ދައުރެއް އަދާކުރައްވާފައެވެ.

އޭގެފަހުން މޫސާ އަންވަރުވަނީ މިނިސްޓްރީ އޮފް ހެލްތުގެ އެކި މަޤާމުތަކުގައި ޚިދުމަތް ކުރައްވާފައެވެ. ރާއްޖޭގެ އަތޮޅުތަކުގައި ޞިއްޙީ ޚިދުމަތް ފުޅާކުރުމަށް ޤާއިމްކުރި ހޮސްޕިޓަލުތައް ތަރައްޤީކުރުމުގައި އޭނާ މުހިއްމު ދައުރެއް އަދާކުރެއްވިއެވެ. މީގެއިތުރުން މާލޭ ސެންޓްރަލް ހޮސްޕިޓަލް، އައިޖީއެމްއެޗަށް ބަދަލުކުރެއްވުމުގެ މަސައްކަތުގައި ވެސް މުހިއްމު ޚިދުމަތްތަކެއް ކޮށްދެއްވާފައިވެއެވެ. އެންމެ ފަހުން އޭނާ ޚިދުމަތް ކުރެއްވީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *