Tuesday, 28 July 2026

ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް ބޮޑުކޮށް، ބޭސްފަރުވާ، ޓިކެޓު އަދި ހޮޓަލަށް 3،000 ޑޮލަރުގެ ލިމިޓެއް ކަނޑައަޅައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެބިޓް ކާޑު ބޭނުންކޮށްގެން ރާއްޖެއިން ބޭރުގައި ކުރާ މުއާމަލާތްތަކުގެ ލިމިޓް މާދަމާ އިން ފެށިގެން ބޮޑުކުރަން ނިންމައިފިއެވެ. މިގޮތުން، ބޭސްފަރުވާ، އެއާލައިން ޓިކެޓު އަދި ހޮޓަލަށް ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ ލިމިޓް ވަނީ 3،000 ޑޮލަރަށް އިތުރުކޮށްފައެވެ. މީގެއިތުރުން، ރާއްޖެއިން ބޭރުގެ ޕީއޯއެސް ޓާމިނަލްތަކުން ފައިސާ ދެއްކޭ އަދަދު ވެސް މިހާރުގެ 500 ޑޮލަރުން 1،000 ޑޮލަރަށް ބޮޑުކުރެވޭނެއެވެ.

މި މުހިންމު ތިން ފިޔަވަޅު އިއުލާން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިދިޔަ ސެޕްޓެމްބަރު މަހު މ. މުލީ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ. މި ބަދަލުތައް އަންނަނީ ބީއެމްއެލްގެ އަހަރީ ދުވަހާ ދިމާކޮށް އަދި ނޮވެމްބަރު 11 ވާ ޖުމްހޫރީ ދުވަހު ތަންފީޒުކުރުމަށް ހަމަޖެހިފައެވެ. ބޭސްފަރުވާއަށް ހޮސްޕިޓަލަށް ދައްކަންޖެހޭ ފައިސާގެ މައްސަލާގައި، ބޭންކުގައި އެދުމުން ޑެބިޓް ކާޑުން ހޮސްޕިޓަލަށް ފައިސާ ދެއްކޭނެ އިންތިޒާމު ވެސް ހަމަޖެހިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ބީއެމްއެލް އިން ވިދާޅުވެފައިވަނީ ކަސްޓަމަރުންނަށް އިތުރު އެއްވެސް އެޕްލިކޭޝަނަކާ ނުލައި މި އާ ލިމިޓްތައް ވަގުތުން ބޭނުންކުރަން ފެށޭނެ ކަމަށެވެ. ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި ބަދަލުތަކުގެ ސަބަބުން ރައްޔިތުންނަށް އަގުބޮޑުކޮށް ބްލެކް މާކެޓުން ޑޮލަރު ގަންނަން ޖެހުމުން ސަލާމަތްވެ، ހެޔޮ ނަތީޖާ ލިބޭނެ ކަމަށެވެ. މީގެއިތުރުން، ބީއެމްއެލް ކާޑު މެޝިންތަކުގައި ބޭނުންކުރާ ހުރިހާ ޑެބިޓް ކާޑުތަކުން ނަގާ މާޗަންޓް ޑިސްކައުންޓް ރޭޓް (އެމްޑީއާރު) ވެސް ވަނީ %2.5 އިން %1އަށް ކުޑަކޮށްފައެވެ.

އިގްތިސާދީ ހާލަތަށް ބަލާއިރު، ޑޮލަރުގެ މައްސަލަ ބޮޑުވެފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިކަން ހައްލުކުރުމަށްޓަކައި، ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުން ވަކި އަދަދަކަށް ޑޮލަރު ބޭންކަށް މާރުކުރަން މަޖުބޫރުވާ ގާނޫނެއް ތަންފީޒުކުރަން ފަށާފައިވާ ކަމަށާއި، އޭގެ ނަތީޖާ ވަރަށް ރަނގަޅުކަމަށެވެ. އަދި އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ޗައިނާގެ ފައިސާއަށް ޚާއްސަކޮށްފައިވާ ޔޫނިއަން ޕޭގެ ޑެބިޓް ކާޑާއި ކްރެޑިޓް ކާޑު ތައާރަފު ކުރެވިގެންދާނެ ކަމަށާއި، މި ބަދަލު އިންޑިއަން ރުޕީސްއިންވެސް ގެނައުމަށް ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *