ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއެކު ހުޅިވިގެން ދަނީ އެއަރޕޯޓެއްގެ އިންފްރާސްޓްރަކްޗަރ އެކަނި ނޫން ކަމަށާ، ހުޅިވިގެން އެދަނީ ބޮޑު ތިލަދުންމަތީ ސަރަޙައްދުގެ ތަރައްޤީގެ ދޮރޯށި ކަމަށް ރައީސް މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީއާއެކު ޒަމާނީ ފެންވަރަށް ތަރައްޤީކުރެވުނު ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށް، ހދ. ހަނިމާދޫގައި ރޭ އޮތް ކުލަގަދަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޚާއްޞަ މަންދޫބު އަދި އިންޑިއާގެ މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން، ޝްރީ ކިންޖަރަޕު ރާމްމޯހަން ނައިޑޫވެސް ބައިވެރިވެވަޑައިގަތެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ މި މަޝްރޫޢަކީ ތަޞައްވުރާއި، ބަދަލާއި، މިންނެތް މަސައްކަތުން ޙާޞިލުވާނެ ކާމިޔާބު ރަމްޒުކޮށްދޭ މަޝްރޫޢެއްކަމަށެވެ. 2022 ވަނަ އަހަރުގެ ފަހުކޮޅު މަސައްކަތް ފެށި ނަމަވެސް، މަސައްކަތުގެ ދުވެލި މަޑުޖެހި، ރައްޔިތުންގެ ކަންބޮޑުވުން އުފެދިފައި ވަނިކޮށް، ރިޔާސީ އިންތިޚާބުގެ ވަޢުދުފުޅާ އެއްގޮތަށް، މަސައްކަތުގެ ދުވެލި ބާރުކުރައްވައި، ކާމިޔާބުކަމާއެކު އެ ވަޢުދުފުޅު ފުއްދަވައިދެވިއްޖެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ، ދިވެހިރާއްޖޭގެ އުތުރުގެ ރަށްތަކަށް ލިބިފައިވާ ޤާބިލުކަން ހާމަވެ، މި އެއަރޕޯޓްގެ ޒަރިއްޔާއިން މުޅި ދުނިޔެއާ އެ ރަށްތައް ގުޅާލެވިގެން ދިޔައީ ކަމުގައި ސިފަކުރައްވައި، ހުޅުވިގެން ދިޔަ ރަނުގެ މި ފުރުޞަތުގެ ބޭނުން ހުރިހާ ފަރާތްތަކުންވެސް ހިއްޕެވުމަށް ގޮވާލައްވާފައެވެ. އެގޮތުން ބައިނަލްއަޤުވާމީ އެއަރލައިންތަކުން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުތައް ފެށުމަށް ގޮވާލައްވައި، ދިވެހި ވިޔަފާރިތަކުންވެސް އުތުރުގައި އިންވެސްޓްކުރާ މިންވަރު އިތުރުކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.
އިޤްތިޞާދީ ކުރިއެރުމާއެކު އާންމު ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ވިސްނުންފުޅާ އެއްގޮތަށް، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ރަސްމީކޮށް ހުޅުވުމާއެކު އެކި ގޮތްގޮތުން ވަޒީފާގެ ފުރުޞަތުތައް އިތުރުވެގެންދާނެކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. ވަކީން ޚާއްޞަކޮށް، ހދ. ނާގޯށީގައި ތަރައްޤިކުރެވޭ ރިސޯޓާއެކު، ފަތުރުވެރިކަމުގެ ދާއިރާއިންވެސް އުތުރުގެ ސަރަޙައްދަށް ކުރިއެރުން ލިބޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
2465 މީޓަރުގެ ރަންވޭއަކާއެކު ތަރައްޤީކުރެވުނު ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށް ރޭ، އެ ރަންވޭއަށް އެންމެ ފުރަތަމަ ޖައްސާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅުކުރެއްވި، މޯލްޑިވިއަންގެ އޭ-320 މަރުކާގެ މަތިންދާބޯޓެވެ. މިއީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ތާރީޚުގައި އެއެއަރޕޯޓަށް ޖެއްސި އެންމެ ބޮޑު މަތިންދާބޯޓެވެ. މި ފްލައިޓްގެ ކެޕްޓަންކަން ކުރެއްވީ، ހދ. ހަނިމާދޫއަށް ނިސްބަތްވެވަޑައިގަންނަވާ ޕައިލެޓެކެވެ.


