އުތުރުގެ ތަރައްގީއަށް އިންގިލާބީ ބަދަލެއް ގެނެސްދޭނެ ކަމަށް ބެލެވޭ، ބޮޑެތި ފްލައިޓު ޖެއްސޭ ގޮތަށް ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ރޭ ރަސްމީކޮށް ހުޅުވައިފިއެވެ. މި އެއާޕޯޓު ހުޅުވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މަންދޫބު އަދި އެ ގައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕު ރާމް މޯހަން ނައިޑޫއެވެ.
މި ރަސްމިއްޔާތަށް ރައީސްގެ ދެކަނބަލުން ހަނިމާދޫއަށް ވަޑައިގެންނެވީ A320 މަރުކާގެ މަތިންދާ ބޯޓެއްގައެވެ. މިއީ މިހާތަނަށް އެ އެއާޕޯޓަށް ޖެއްސި އެންމެ ބޮޑު މަތިންދާބޯޓެވެ. އެއާޕޯޓު ހުޅުވުމުގެ އުފަލުގައި ތިން މިނެޓަށް ހަވާ އަރުވާފައިވާއިރު، އަތޮޅުގެ އެކި ރަށްތަކުން ވަނީ ކޭންތައް ގެނެސް، މި އުފަލުގައި ބައިވެރިވެފައެވެ.
ރޭ ހުޅުވުނު ހަނިމާދޫ އެއާޕޯޓަށް ޒަމާނީ ބަދަލުތަކެއް ގެނެސްފައިވާއިރު، މީގެ 39 އަހަރު ކުރިން ހެދި މި އެއާޕޯޓުގެ ރަންވޭ ކުޑަކަމުން ކުރިން ޖައްސަމުން އައީ ހަމައެކަނި އޭޓީއާރްއާއި ޑޭޝް މަރުކާގެ ބޯޓުތަކެވެ. ނަމަވެސް، މިހާރު މި އެއާޕޯޓު ވަނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ގޮތަށް ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައެވެ. އެގޮތުން، 10،300 އަކަމީޓަރުގެ ޕެސެންޖާ ޓާމިނަލްއަކާއި، 2،465 މީޓަރު ދިގު ރަންވޭއެއް މި އެއާޕޯޓުގައި ހިމެނެއެވެ. މި ރަންވޭއަކީ ނެރޯ ބޮޑީގެ ހުރިހާ ވައްތަރެއްގެ މަތިންދާ ބޯޓު ޖެއްސޭނެ ފެންވަރުގެ ރަންވޭއެކެވެ. މީގެ އިތުރުން، ފިއުލް ފާމަކާއި ކާގޯ ޓާމިނަލްއެއް ވެސް ވަނީ ތަރައްގީކޮށްފައެވެ. އަދި، އެއާޕޯޓުގެ އެތެރޭގައި ދިވެހި ފަންނުވެރިންގެ ހުނަރު ދައްކުވައިދޭ ކުރެހުންތައް ވެސް ވަނީ ހިމަނާފައެވެ.
ހަނިމާދޫ އެއާޕޯޓު ޒަމާނީ ކުރުމުގެ މަޝްރޫއަކީ، ކުރީގެ ސަރުކާރުން 2019 ވަނަ އަހަރު އިންޑިއާއާ އެކު ސޮއިކުރި 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. ޖުމުލަ 136.6 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހިންގި މި މަޝްރޫއު ހަވާލުކުރީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއެވެ. މި އެއާޕޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. އެއާޕޯޓު ހުޅުވުމަށް ފަހު ރައީސް މުއިއްޒާއި ސަރުކާރުގެ އިސްވެރިން ވަނީ އެއާޕޯޓު ބައްލަވާލައްވާފައެވެ.


