ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު (އެޗްއައިއޭ) ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި އެޤައުމުގެ ސިވިލް އެވިއޭޝަން މިނިސްޓަރު ރާއްޖެ ވަޑައިގެންފިއެވެ.
އެންމެ ބޮޑެތި A-320 އަދި ބޮއިން 737 މަރުކާގެ ބޯޓުތައް ޖެއްސޭ ފެންވަރަށް ތަރައްޤީކޮށްފައިވާ ހަނިމާދޫ އެއަރޕޯޓު މިރޭ ރަސްމީކޮށް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.
މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގަތީ އިންޑިއާގެ ސިވިލް އެވިއޭޝަން މިނިސްޓަރ ކިންޖަރަޕޫ ރާޕް މޯހަން ނައިޑޫއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެ މިނިސްޓަރަށް މަރުޙަބާ ވިދާޅުވީ، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލެވެ. ހަނިމާދޫ އެއަރޕޯޓަކީ އިންޑިއާގެ އެގްޒިމް ބެންކްގެ ލޯނު އެހީގެ ދަށުން ކުރިއަށްގެންދިޔަ ބޮޑު މަޝްރޫޢެކެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. މި އެއަރޕޯޓު ތަރައްޤީކޮށްފައިވަނީ އަހަރަކު 1.3 މިލިޔަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭނެ ފެންވަރަށެވެ. މީގެ އިތުރުން، މިއީ ރާއްޖޭގެ އަތޮޅުތަކުގެ އެއަރޕޯޓުތަކުގެ ތެރެއިން ފުރަތަމަ ފަހަރަށް އެއިރޯ ބްރިޖާއެކު ތަރައްޤީކޮށްފައިވާ އެއަރޕޯޓުކަން ފާހަގަކޮށްލެވެއެވެ.
މި މަޝްރޫޢަކީ ޖުމްލަ 136.6 މިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫޢެކެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ ޖޭއެމްސީއާއެވެ.


