Thursday, 29 October 2026

ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު މަހުމޫދު ރިޔާޒުގެ ވަޒީފާ އަލުން އިއާދަކޮށްފި

ހޯކްސް ކުންފުނީގެ ބޯޓެއްގައި ވަގަށް ރާއްޖެއަށް ސިގިރެޓު އެތެރެކުރި މައްސަލައަކާއި، ބޮންޑެޑް ވެއާހައުސްއެއްގައި ހުރި ސިގިރެޓުތަކެއް ގެއްލުނު މައްސަލައަކާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެދިގެން ވަޒީފާއިން ވަކިކުރި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ހުންނެވި މަހުމޫދު ރިޔާޒުގެ ވަޒީފާ އަލުން އިއާދަކޮށްފި އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިކަން ވަނީ ޔަޤީންކޮށްދީފަ އެވެ. މަހުމޫދު ރިޔާޒު ވަކިކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެދިވަޑައިގަތުމާ ގުޅިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މަހުމޫދު ރިޔާޒްގެ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން އިތުރަށް ތަޙްޤީޤު ކުރެއްވުމަށްފަހު، އެ މައްސަލައިގައި އޭނާގެ ބައިވެރިވުމެއް ނެތްކަމަށް ނިންމަވައި، ވަޒީފާ އަލުން އިއާދަކޮށްދޭން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވާފައިވާ ކަމަށެވެ. އެހެންކަމުން، އެ ކޮމިޓީގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ވަނީ މަޙްމޫދު ރިޔާޒްގެ ވަޒީފާ އަލުން އިއާދަކޮށްދެއްވާފަ އެވެ.

މަހުމޫދު ރިޔާޒާއި ކަސްޓަމްސްގެ އިތުރު ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލެއް ވަކިކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ، ހޯކްސް ޕްރައިވެޓް ލިމިޓެޑުގެ ބޯޓެއްގައި ސިގިރެޓު އެތެރެކުރި މައްސަލައާއި ބޮންޑެޑް ވެއާހައުސްއެއްގައި ހުރި ސިގިރެޓުތަކެއް ގެއްލުނު މައްސަލަ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ތަހުގީގުކުރުމަށްފަހު، އެމަނިކުފާނަށް ފޮނުވި ސިޓީއަކާ ގުޅިގެންނެވެ. އެ މައްސަލަތަކުގައި ނެރުނު ނޫސް ބަޔާނެއްގައި ކޮމިޓީން ވަނީ، އެ މައްސަލަ އިތުރަށް ދިރާސާކުރި ކުރުމުން، މަހުމޫދު ރިޔާޒުގެ ޝާމިލުވުމެއް ނެތްކަމަށް ބެލެވޭ ކަމަށް ބުނެފަ އެވެ.

ކޮމިޓީން ބުނެފައިވާ ގޮތުގައި، މި މައްސަލަތަކުގައި މަހުމޫދު ރިޔާޒުގެ ބައިވެރިވުމެއް ނެތްކަމަށް ބެލެވޭތީ، އޭނާގެ މަގާމު އަލުން އިއާދަކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި ދެންނެވުމަށް ނިންމާފައިވާ ކަމަށެވެ. މި ނިންމުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ވަނީ މަހުމޫދު ރިޔާޒުގެ ވަޒީފާ އަލުން އިއާދަކޮށްދެއްވާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *