Tuesday, 28 July 2026

ފުވައްމުލަކު ސިޓީގައި އިސްލާމީ މަރުކަޒެއް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުވައްމުލަކު ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ސިޓީގައި އިސްލާމީ މަރުކަޒެއް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ރޭ ސޮއިކޮށްފި އެވެ. މި އެއްބަސްވުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވައުދުފުޅެއްގެ ދަށުން ކުރިއަށް ގެންދާ މުހިންމު މަޝްރޫޢެކެވެ. އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސް މުޢިއްޒު ބައިވެރިވެވަޑައިގެންނެވި ޖަލްސާއެއްގަ އެވެ.

މި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އެވެ. އަދި މި މަސައްކަތް ކުރުމަށް ހަވާލުކުރެވުނު އަފާމީ މޯލްޑިވްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަމީން މުޙައްމަދު އެވެ. މި މަޝްރޫޢު ނިމިގެންދާއިރު ފުވައްމުލަކު ސިޓީގެ ރައްޔިތުންނަށް އިސްލާމީ ޢިލްމު އުނގެނުމާއި ދީނީ ކަންކަން ފުޅާކުރުމަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.

އިސްލާމިކް މިނިސްޓްރީން ދެއްވި މައުލޫމާތުތަކަށް ބަލާއިރު، މި އިސްލާމީ މަރުކަޒު އިމާރާތް ނިމިގެންދާއިރު، ނަމާދު ކުރާ ބައިގެ އިތުރުން މުހިންމު އެތައް ވަސީލަތްތަކެއް ހިމެނޭނެ އެވެ. އެގޮތުން، ކޮންފަރެންސް ހޯލަކާއި، ލައިބްރަރީއަކާއި، ކުލާސްރޫމްތަކާއި، އިމާމު ރޫމަކާއި، އޮފީސް ބައެއް ހިމެނޭނެ ކަމަށް މިނިސްޓްރީން ވަނީ ހާމަކުރައްވާފަ އެވެ. މިކަމުގެ ސަބަބުން މި މަރުކަޒަކީ ހަމައެކަނި ނަމާދުކުރާ ތަނަކަށް ވުމުގެ ބަދަލުގައި ދީނީ ތަޢުލީމާއި އިޖްތިމާޢީ ކަންކަމަށް ވެސް ބޭނުންކުރެވޭނެ މަލްޓިޕާޕަސް މަރުކަޒަކަށް ވެގެންދާނެ އެވެ.

މީގެ އިތުރުން، މި މަރުކަޒަކީ ޒަމާނީ ވަސީލަތްތަކާއެކު އިމާރާތް ކުރެވޭ ތަނެއް ކަމަށް މިނިސްޓްރީން ބުނެ އެވެ. އެގޮތުން، އިމާރާތުގައި ސޯލާ ޕެނަލް ހަރުކުރެވި، މުޅި އިމާރާތް އޭސީ ކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. މި މަޝްރޫޢު ނިމުމަކީ ފުވައްމުލައް ސިޓީގެ ދީނީ ދާއިރާއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށް ސަރުކާރުން ދެކެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *