މި މަހުން ފެށިގެން ސިވިލް ސާވިސްގެ އަދި ޝަރުޢީ ދާއިރާގެ 20،000 އަށް ވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ ފުވައްމުލަކު ސިޓީގެ ރައްޔިތުންނާ ބައްދަލުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މި ބަދަލުތައް އަންނާނެ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ޕޭ ކޮމިޝަނުން ހުރިހާ އޮފީސްތަކާ މިކަމާ ގުޅޭގޮތުން މުޢާމަލާތް ކުރާނެ ކަމަށެވެ. އަދި މިކަމާ ގުޅިގެން ހުރި ކަންބޮޑުވުންތަކަށް ޕޭ ކޮމިޝަނުން ހައްލުތަކެއް ގެނެސްދޭނެ ކަމަށާއި، މިއަހަރު މުސާރަ ބޮޑުނުވާ ފަރާތްތަކަށް އަންނަ އަހަރު މުސާރަ ބޮޑުވެގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މުސާރައަށް ގެނެވުނު ހެޔޮ ބަދަލާއެކު ހުރިހާ މުވައްޒަފުންގެ ވެސް އަސާސީ މުސާރައަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން އެންމެ ކުޑަކޮށް އަސާސީ މުސާރަ ކަނޑައެޅިފައިވާ މުވައްޒަފުންނަށް ވެސް 7،000ރ. އަށް ވުރެ ބޮޑު އަސާސީ މުސާރައެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެހެންކަމުން ހުރިހާ މުވައްޒަފުންނަށް ވެސް މިނިމަމް ވޭޖުގެ މިންވަރު އަސާސީ މުސާރައިގެ ގޮތުގައި މީގެފަހުން ލިބިގެންދާނެ. އަދި އަސާސީ މުސާރައަށް މި ގެނައި ބަދަލުގެ ސަބަބުން މުވައްޒަފުންގެ ޕެންޝަން ފަންޑަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމަކަށް މިކަންވާނެ،" ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް މުޢިއްޒު ވަނީ ފުވައްމުލަކު ސިޓީގެ ތަރައްޤީގެ ވަރަށް މުހިންމު ބާބެއް ފެށިފައިވާ ކަމަށް ވިދާޅުވެފަ އެވެ. ރޭ ޖަލްސާގައި 11 މަޝްރޫޢުއެއްގައި ސޮއިކޮށްފައިވާއިރު، މި ދަތުރުފުޅުގެ ތެރޭގައި ފުވައްމުލަކުގެ ތަރައްޤީއާ ސީދާ ގޮތުން ގުޅިފައިވާ 5 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ފެށުނުކަން ރައީސް ފާހަގަ ކުރެއްވި އެވެ. އަދި ކާމިޔާބުކަމާއެކު މި މަޝްރޫޢުތައް ފުރިހަމަކޮށް، ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވި އެވެ.


