Tuesday, 28 July 2026

އެމްޕީއެލް ބަނދަރު ކައިރިން ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ފަރުވާ ދެމުންދިޔަ ދިވެއްސަކު ނިޔާވެއްޖެ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބަނދަރު ސަރަހައްދާ ކައިރިން އިއްޔެ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި ފަރުވާ ދެމުންދިޔަ ދިވެއްސަކު ރޭ ދަންވަރު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ އެމްޕީއެލްގެ މުވައްޒަފެއް ކަމަށްވާ ގއ. ގެމަނަފުށީ، ދިލްބަހާރުގޭ، އަލީ އަފްލާޙް އަބްދުﷲ އެވެ. އޭނާ ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ. އަލީ އަފްލާހު ނިޔާވިއިރު އުމުރަކީ 25 އަހަރެވެ. އޭނާގެ ކަށުނަމާދު މިއަދު މެންދުރު ނަމާދަށްފަހު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ހާދިސާ ހިނގާފައިވަނީ އިއްޔެ މެންދުރުފަހު 15:44 ހާއިރު އެމްޕީއެލްއާ ދިމާލުން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައިގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުމާ ގުޅިގެންނެވެ. ހާދިސާ ހިނގި ވަގުތު އެ ކޮޅުވެއްޓީގައި ޖުމްލަ 14 މީހުން ތިއްބެވެ. މި ހާދިސާގައި އަލީ އަފްލާޙްގެ އިތުރުން ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ 32 އަހަރުގެ މަސްޢޫދު ޙޮސައިން ވެސް ވަނީ ނިޔާވެފައެވެ. މަސްޢޫދު ޙޮސައިން ނިޔާވީ ހާދިސާ ހިނގި ދުވަހުއެވެ.

ހާދިސާގެ ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ވަނީ ވަގުތުން ހަރަކާތްތެރިވެ މީހުން ސަލާމަތްކުރުމުގެ މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ހާދިސާ ހިނގި އިރު، ބަންޑުންޖަހާލި ލޭންޑިންކްރާފްޓްގެ ތެރޭގައި ތާށިވެފައި ހުރި މީހަކު ކޯސްޓްގާޑުގެ ޑައިވަރުންގެ އެހީގައި ވަނީ ސަލާމަތްކޮށްފައެވެ. އަދި ކަނޑުވި އެހެން މީހުންވެސް ވަނީ ސަލާމަތްކުރެވިފައެވެ.

މި ހާދިސާގައި އަނިޔާވި 4 ދިވެހިންނާއި 2 ބިދޭސީއަކަށް އައިޖީއެމް ހޮސްޕިޓަލުގައި ވަނީ ފަރުވާ ދީފައެވެ. ނަމަވެސް އެންމެ ހާލު ސީރިއަސްކޮށް ފަރުވާ ދެމުންދިޔަ ދެ މީހުން ކަމަށްވާ އަލީ އަފްލާޙާއި މަސްޢޫދު ޙޮސައިން ވަނީ ނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *