Tuesday, 28 July 2026

ބޭންކް މުވައްޒަފުންގެ އަތުން ފައިސާ ފޭރިގަތް އިރު ފުލުހުންގެ ސެކިއުރިޓީއެއް ނެތް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ދެ މުވައްޒަފެއްގެ އަތުން ފައިސާ ހުރި ބްރީފް ކޭސްއެއް ފޭރިގަނެފައިވާ އިރު، އެވަގުތު ފުލުހުންގެ ސެކިއުރިޓީ ބޭނުންކޮށްފައި ނުވާކަން ފުލުހުން ކަށަވަރުކޮށްދީފިއެވެ. މި ހާދިސާ ހިނގާފައިވަނީ ރޭ ފަތިހު 4:25 ހާއިރު، ވީއައިއޭގެ ޓާމިނަލް އެކެއްގެ ވަދެވޭ ދޮރާއްޓާ ކައިރިންނެވެ. ފުލުހުން ވިދާޅުވީ މޫނު ނިވާކޮށްގެން ތިބި ބަޔަކު މި ފޭރުން ހިންގާފައިވާ ކަމަށާއި، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފޭރިގަނެފައިވަނީ އެ ދުވަހު ރާއްޖެއިން ބޭރަށް ފުރާ ދިވެހިންނަށް އާ ޓާމިނަލްގެ ކައުންޓަރުން ދޫކުރަން ހަމަޖެހިފައިވާ ޑޮލަރުތަކެކެވެ. މި ފައިސާ ހުރި ބްރީފް ކޭސް ފޭރިގަތީ ބީއެމްއެލްގެ ދެ މުވައްޒަފުންނަށް ވަޅިން ބިރު ދެއްކުމަށް ފަހުއެވެ. މި ހާދިސާ ހިނގިއިރު އެ ދެ މުވައްޒަފުން ތިބީ އެކަންޏެވެ. މިކަން ހިނގާފައިވަނީ ބާ ޓާމިނަލާއި އާ ޓާމިނަލް ގުޅުވައިދޭ ވޯކްވޭ ސަރަހައްދުގައެވެ.

މި ފޭރުމުގެ ހާދިސާ ހިނގިއިރު، ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވަނީ ބޭންކްގެ މުވައްޒަފުން ކައިރީގައި ފުލުހުން ތިބި ކަމަށެވެ. ނަމަވެސް ފުލުހުން ވަނީ އެކަން ދޮގުކޮށް، ފައިސާ ގެންދިއުމުގައި ފުލުހުންގެ ސެކިއުރިޓީ ބޭނުންކޮށްފައި ނުވާ ކަމަށް ބުނެފައެވެ. އާންމުކޮށް ބީއެމްއެލް އިން އޭޓީއެމްތަކަށް ފައިސާ ގެންދިއުމުގައި ފުލުހުންގެ ސެކިއުރިޓީ ހޯދާއިރު، އެއާޕޯޓު ފަދަ މުހިންމު ސަރަހައްދެއްގައި މިފަދަ ބޮޑު ހާދިސާއެއް ހިނގާފައިވާއިރު، އެއާޕޯޓުން ނުކުންނަ ދިމާލާއި ބްރިޖަށް އަރާ ދިމާލުގައި ފުލުހުންގެ ޕޯސްޓެއް ވެސް ގާއިމުކޮށްފައިވެއެވެ.

ފޭރުނު މީހުން އެ ސަރަހައްދުން ނުހުއްޓުވުނު ސަބަބެއް އަދި ސާފުކޮށް އެނގިފައެއް ނުވެއެވެ. މި ހާދިސާއާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަދި ރަސްމީ ކޮމެންޓެއް ދީފައެއް ނުވެއެވެ. ފުލުހުން ވިދާޅުވީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، ހާދިސާ ހިނގި ގޮތާއި ފޭރުނު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *