އައްޑޫ ސިޓީ ކައުންސިލްގެ ދަށުން އިދާރީ ގޮތުން މީދު އާއި ހުޅުދޫ އަދި ފޭދޫ ވަކިކުރުމާ މެދު، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ބާއްވާ ރިފަރެންޑަމްގެ ވޯޓުލުން ފަށައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއްވާގޮތުގައި އައްޑޫސިޓީ ފޭދޫ، ހުޅުދޫއާއި މީދޫގެ ހުރިހާ ވޯޓު ފޮއްޓެއްގައިވެސް ވޯޓުލުން ވަނީ ފެށިފައެވެ.
މިއަދު ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާ މިވޯޓުގައި ރައްޔިތުން ވޯޓުލުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ހުށަހަޅުއްވާފައިވާ ސުވާލާ ގުޅިގެން އެ މީހަކަށް ފެންނަ ގޮތެއް ހާމަ ކުރުމަށެވެ. އެގޮތުން، އައްޑޫގެ ފޭދޫ އާއި ހުޅުދޫ އަދި މީދޫގެ ރައްޔިތުންނަށް އެމަނިކުފާނު ވަނީ ކޮންމެ ރަށެއްގައި ވަކި ކައުންސިލެއް އޮތުމާ ގުޅޭގޮތުން ސުވާލު ހުށަހަޅުއްވާފައެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި ރިފަރެންޑަމްގައި ވޯޓުލުމުގެ ހައްގު ލިބޭ މީހުންނަކީ:
- ފޭދޫން 4،355 މީހުން
- ހުޅުދޫން 2،874 މީހުން
- މީދޫން 2،347 މީހުން
މި ވޯޓަށް ހުޅުދުއާއި މީދޫގައި ކޮންމެ ރަށެއްގައި ތިން ފޮށި ބަހައްޓާއިރު، ފޭދޫގައި ވޯޓުލުމަށް ފަސް ފޮށި ބަހައްޓާނެއެވެ. އަދި ވެރިރަށް މާލޭގައި ދިރިއުޅޭ، މި ތިން ރަށުގެ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންނަށް ހަތް ފޮށި، މާލޭގެ ކަލާފާނު ސްކޫލުގައި ބަހައްޓާނެ ކަމަށް އީސީން މައުލޫމާތު ދީފައިވެއެވެ.
އެ ކޮމިޝަނުން ވިދާޅުވީ ހަވީރު 4:00އަށްފަހު ވޯޓުލުމަށް ކިޔު ބަންދު ކުރެވޭނެ ކަމަށެވެ. އަދި ވޯޓުފޮށިތައް ބަންދުކުރާތާ 30 މިނެޓްފަހުން ވޯޓު ގުނައި، ކޮންމެ މަރުކަޒެއްގައިވެސް އެ މަރުކަޒެއްގެ ވަގުތީ ނަތީޖާ އިއުލާން ކުރާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ދާއިމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.


