Tuesday, 28 July 2026

ޒަކާތު ހައުސްގެ 11 މުވައްޒަފުން އިސްލާމިކް ފައިނޭންސް ތަމްރީނަށް މެލޭޝިޔާއަށް ފުރައިފި

ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޖުމްލަ 11 މުވައްޒަފުން، މެލޭޝިއާގެ އިންސީފް ޔުނިވަރސިޓީގައި ކުރިއަށްދާ، ޕްރޮފެޝަނަލް ސެޓްފިކެޓް އިން އިސްލާމިކް ފައިނޭންސް (ޕީ.ސީ.އައި.އެފް) ޕްރޮގްރާމްގެ، ޢަމަލީ ބައިގައި ބައިވެރިވުމަށް މެލޭޝިއާއަށް ފުރައިފިއެވެ. މިއީ ޒަކާތު ހައުސްގެ މަސައްކަތްތައް ބައިނަލްއަޤްވާމީ މިންގަނޑަށް އެޅުވުމަށް، މުވައްޒަފުންގެ ޕްރޮފެޝަނަލް ޤާބިލުކަން އިތުރުކުރުމަށް ކުރިއަށްގެންދާ މުހިންމު ތަމްރީނު ޕްރޮގްރާމެކެވެ.

ޒަކާތު ހައުސްއިން ބުނިގޮތުގައި މި ތަމްރީނުގެ މައިގަނޑު މަޤްސަދަކީ ޒަކާތު މެނޭޖްމަންޓްގެ ދާއިރާގައި، ޒަކާތުގެ ޙުކުމްތައް ދަންނަ އަދި ޝަރުޢީ ގޮތުން ޒަކާތުގެ ޢާމިލަކަށް ކޮންމެހެން އެނގުން ލާޒިމުވާ މިންވަރު އެނގޭ ބަޔަކު ބިނާކުރުމެވެ. 2024 ވަނަ އަހަރު އާންމުކޮށްފައިވާ، ޒަކާތް ނެރުމާއި ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ ޝަރުޢީ އަސާސުތަކާއި މިންގަނޑުތަކުގެ ދެވަނަ ބައިގެ ތިންވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޒަކާތްނަގައި ޒަކާތްބެހުމުގެ އެންމެހައި ކަންކަން ބެލެހެއްޓުމަށް ދައުލަތުން ކަނޑައަޅައިފައިވާ މީހުންނަށް މިފަދަ ޤާބިލުކަން ލިބިފައިވުން ލާޒިމުކުރެއެވެ. މިފަދަ ތަމްރީނުތަކަކީ، ޒަކާތު ހައުސްގެ މަސައްކަތްތައް ހަރުދަނާކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމެއް ކަމަށް އެ ފަރާތުން ފާހަގަކުރެއެވެ.

ޕީ.ސީ.އައި.އެފް ކޯހަކީ، ޒަކާތުގެ ނިޒާމު ތަރައްޤީކުރުމާއި، ޒަކާތު މެނޭޖްމަންޓް އޮނިގަނޑުތަކާއި، ޒަކާތުގެ އިދާރީ ކަންކަން ހަރުދަނާކުރުމުގެ ސްޓްރެޓެޖީތައް ފަދަ މުހިންމު ދާއިރާތައް ވަރަށް ފުޅާކޮށް ދަސްކޮށްދޭ ޕްރޮގްރާމެކެވެ. ޒަކާތު ހައުސްއިން އިތުރަށް ބުނިގޮތުގައި މުވައްޒަފުންނަށް ހަމައެކަނި ފޮތުން ދަސްކުރުމުގެ ބަދަލުގައި، ޢަމަލީ ގޮތުން ކަންކަން ހިންގުމަށް ބޭނުންވާ ހުނަރުތައް ތަރައްޤީކުރުމަށް މި ކޯހުގައި ވަނީ ވަރަށް ބޮޑު ސަމާލުކަމެއް ދީފައެވެ.

މިގޮތުން، ޕްރޮގްރާމްގެ ޢަމަލީ ބައިގެ ތެރެއިން، ބައިވެރިންނަށް ތަޖުރިބާ ހޯދުމުގެ ގޮތުން މެލޭޝިއާގެ އެކި އިދާރާތަކަށް ޒިޔާރަތްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި، މިފަދަ ޢަމަލީ ތަޖުރިބާތަކުގެ ސަބަބުން، ޒަކާތު ހައުސްގެ މުވައްޒަފުންނަށް އަމިއްލަ މަސައްކަތުގައި މެލޭޝިޔާ ފަދަ ޤައުމުތަކުގައި ޒަކާތުގެ ކަންކަން ހިންގާ ގޮތުގެ ފިލާވަޅުތައް ދަސްވެ، އެ ދަސްވީ ހުނަރުތައް ރާއްޖޭގެ ޒަކާތުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމުގައި ބޭނުންކުރުމުގެ ޤާބިލުކަން ލިބިގެންދާނެކަމަށް ބުނެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *