Tuesday, 28 July 2026

ޣައްޒާއަށް އިޒްރޭލުން ދޭ އެހީއަކީ 'ކަނޑަށް ވައްޓާލާ ތިއްކެއް': ޙަމާސް 

ހަނގުރާމަ ހުއްޓާލަން އެއްބަސްވުމަށް ފަހުގައިވެސް އިޒްރޭލުން ޣައްޒާގެ ބިމަށް އެހީތެރިކަން ދިނުމުގައި ކަންކަން ލަސްކުރަމުން ގެންދާ ކަމަށް ޙަމާސް އިން ބުނެފިއެވެ. ބުދަ ދުވަހު ޙަމާސްގެ އޮފިޝަލެއް ކަމަށްވާ އިސްމާއިލް ރަޟްވާން ވިދާޅުވީ އިޒްރޭލުން ދެމުންދާ އެހީގެ މިންވަރަކީ ހަމައެކަނި 'ކަނޑެއްގެ ތެރެއަށް ވައްޓާލާ ތިއްކެއް' ކަމަށާއި، އިޒްރޭލުން ދަނީ އެމީހުންގެ ވާޖިބުތަކުން ރެކެން މަސައްކަތްކުރަމުން ކަމަށެވެ.

ރަޟްވާން އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، އިޒްރޭލުން ރަފާހުގެ ބޯޑަރު ހުޅުވުމަށް ދެކޮޅު ހަދަމުންދާތީ، އިންސާނީ އެހީގެ އެއްބަސްވުމާ އެއްގޮތަށް ފުރިހަމައަށް ތަންފީޒު ކޮށްފައި ނުވާ ކަމަށެވެ.

“ހަތިޔާރު އަޅާފައިވާ ފަރާތުން ކަންކަން ލަސްކުރަނީ އަދި އެއްބަސްވުމުގެ އިންސާނީ ބަޔާ އެއްގޮތަށް އެއްވެސް ކަމެއް ފުރިހަމައަށް ތަންފީޒުކޮށްފަނުވޭ. އިމާރާތްތަކުގެ ދަށުގައި 10,000 އަށް ވުރެ ގިނަ މީހުން ގެއްލިފައިވާއިރު، އެމީހުން ނެގުމަށް ސިވިލް ޑިފެންސް މަސައްކަތްތެރިންނަށް ބަރު ސާމާނު ބޭނުންވޭ. ރަޟްވާން ވިދާޅުވިއެވެ.

ޚަބަރު ލިބޭ ގޮތުގައި، މި މައްސަލަތައް ހޫނުވެފައިވާ ދަނޑިވަޅެއްގައި، ހަމަ އެދުވަހު، އެމެރިކާ ފަރާތުން ބައިނަލްއަޤްވާމީ ޢަދުލުގެ ކޯޓު (އައި.ސީ.ޖޭ.) ކުށްވެރިކޮށްފައިވެއެވެ. އައި.ސީ.ޖޭ.އިން ނިންމާފައި ވަނީ ޣައްޒާއަށް އ.ދ. މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އިޒްރޭލުގެ މައްޗަށް ލާޒިމު ވާޖިބެއް ކަމުގައެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި، އައި.ސީ.ޖޭ.ގެ މި ނިންމުމަކީ 'އަނެއް ފަސާދަ ނިންމުމެއް' ކަމަށް ސިފަކޮށްފައިވެ އެވެ. ބަޔާނުގައި ބުނެފައި ވަނީ، ރައީސް ޓްރަމްޕް އާއި ސެކްރެޓަރީ ރޫބިއޯ ސަރަހައްދަށް އަމާންކަން ގެނައުމަށް ނިމުމެއް ނެތި މަސައްކަތް ކުރަމުންދާއިރު، މި ކޯޓުން ވަނީ އިޒްރޭލަށް އަނިޔާވެރިވާ، ސިޔާސީ ނިންމުމެއް ނިންމާފައި ކަމަށެވެ. އަދި ޙަމާސްގެ ޓެރަރިޒަމާ ގުޅުން ހުރި ޔޫ.އެން.އާރު.ޑަބްލިއު.އޭ (އުންރުވާއަށް) މި ނިންމުމުން ޢުފާލިބިފައިވާ ކަމަށް ވެސް އެމެރިކާއިން ބުނެ އެވެ.

އެހެން ނަމަވެސް، އައި.ސީ.ޖޭ.އިން ވަނީ ބުދަ ދުވަހު ޔޫ.އެން.އާރު.ޑަބްލިއު.އޭ. އަކީ ޙަމާސް އާ ގުޅުމެއް ނެތް ފަރާތެއް ކަމަށް ކަނޑައަޅާފަ އެވެ. އިޒްރޭލުން ރަފާހުގެ ބޯޑަރު ހުޅުވުމަށް ދެކޮޅު ހެދުމަކީ، އެމެރިކާގެ އެހީތެރިކަމާއެކު ސޮއިކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފު ކަމެކެވެ. ސްޓޭޓް ޑިޕާޓްމަންޓުން އިތުރަށް ބުނީ، އައި.ސީ.ޖޭ.ގެ މިފަދަ ނިންމުންތަކަކީ ސިޔާސީ ވަސީލަތެއް ކަމަށާއި އެމެރިކާގެ މަގްސަދުތަކަށް ދެކޮޅަށް ހަތިޔާރުގެ ގޮތުގައި ބޭނުންކުރެވޭނެ އާލާތެއް ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *