Wednesday, 29 July 2026

ޕެންޝަން އޮފީހުގެ ބޯޑު މެންބަރު ސަރުވަޝް އިސްތިއުފާދެއްވައިފި

ކުރީގެ ސަރުކާރުން "ވާރުތަވި" ބިލްތައް ދެއްކުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް ވިއްކާ 2.4 ބިލިއަން ރުފިޔާގެ ބޮންޑުގެ މައްސަލައިގައި ޕެންޝަން އޮފީހުގެ ބޯޑު މެންބަރު އަހުމަދު ސަރުވަޝް އާދަމް މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ސަރުވަޝް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެމްއެމްއޭ އަށް ވިއްކާ ބޮންޑުގެ ސަބަބުން، އިގްތިސާދީ ގޮތުން އިތުރު ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށެވެ. އަދި މި މައްސަލައިގައި ގާނޫނީ ފުށުއެރުންތަކެއް ހުރުމުގެ އިތުރުން ފިޑޫޝަރީ ނުވަތަ ޕެންޝަން އޮފީހުން ފައިސާ މެނޭޖުކުރުމުގެ ޒިންމާތައް އަދާކުރުމުގައި މައްސަލަތަކެއް ކުރިމަތިވާނެ ކަމަށް ފާހަގަކުރައްވާފައިވެއެވެ.

 

ސަރުކާރުން ހާމަކުރާ ގޮތުގައި އާ އިންތިޒާމުގެ ދަށުން، އެމްއެމްއޭ އިން 2.5 ބިލިއަން ރުފިޔާ މޯލްޑިވްސް ޕެންޝަން ފަންޑުގައި އިންވެސްޓްކުރުމަށްފަހު، ޕެންޝަން ފަންޑުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން ނެރޭ ހަމަ އެ އަގުގެ ސަރުކާރު ބޮންޑެއްގައި އިންވެސްޓްކުރާނެއެވެ.

"ކުރިމަތިވި ބިރުވެރި މާލީ ހަގީގަތާއެކުގައި ގާތްގަނޑަކަށް 2.3 ބިލިއަން ރުފިޔާގެ ބިލްތައް ހުއްޓެވެ. އެއީ ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރުގެ މިނިސްޓްރީތަކުން އަމިއްލަ ކުންފުނިތައް ބޭނުންކޮށްގެން މަސައްކަތް ކުރުވާފައި ނުދީ ހުރި ފައިސާ" ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެއެވެ.

މި މައްސަލައިގައި ސަރުކާރުން ބުނާ ގޮތުގައި މިއީ ފައިސާ އުފެއްދުމުގެ ބަދަލުގައި، ރަސްމީ އިންވެސްޓްމަންޓް ނިޒާމުގެ ތެރެއިން ފައިސާ ދައުރުކުރުމަށް ކުރެވޭ މަސައްކަތެކެވެ. އަދި މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޢާންމުކޮށް ބޭނުންކުރާ ސަރުކާރުގެ މާލިއްޔަތުގެ ވަސީލަތެއް ކަމަށް ސަރުކާރުން ފާހަގަކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *