އަންނަ ރަމަޟާން މަހުގެ ކުރިން އިސްލާމީ ކަންކަމާ ގުޅުންހުރި 15 މަޝްރޫޢެއް ނިންމާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު އިޢުލާނުކުރައްވައިފިއެވެ. މި މަޝްރޫޢުތަކުގެ ތެރޭގައި 500 އަދި 700 މީހުންގެ ޖާގައިގެ މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ހިމެނެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ކުރީގެ ސަރުކާރުން ޤާބިލުނޫން ފަރާތްތަކާ މަސައްކަތް ހަވާލުކުރުމުގެ ސަބަބުން ބައެއް މަޝްރޫޢުތައް ލަސްވެފައިވީ ނަމަވެސް، މިހާރު އެ މައްސަލަތައް ހައްލުކޮށް މަސައްކަތްތައް އަވަސް ސްޕީޑެއްގައި ކުރިއަށްދާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްލާމީ މަޝްރޫޢުތަކަށް ޚާއްޞަ އިސްކަމެއް ދެއްވާކަން ފާހަގަކުރައްވަމުން، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ޕްރައިވެޓް ސެކްޓަރގެ ކުންފުނިތަކަށް 170 މިލިއަން ރުފިޔާ ދޫކުރެވިފައިވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
މީގެ އިތުރުން، ކުރީގެ ސަރުކާރުން ކޮންޓްރެކްޓަރުންނަށް ނުދައްކާ އޮތް 50 މިލިއަން ރުފިޔާގެ ދަރަނި މިހާރު ވަނީ އަދާކޮށްފައި ކަމަށާއި، މިކަމުގެ ސަބަބުން މަޝްރޫޢުތަކުގެ މަސައްކަތް އަވަސްވެގެންދާނެ ކަމަށް ވަޒީރު ޝަހީމް ވިދާޅުވިއެވެ.


