ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހައްދުންމަތީގެ 11 ރަށަކަށް ކުރައްވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ރައީސް ބައްދަލުކުރައްވާނީ އެ ރަށްރަށުގެ ރައްޔިތުންނާއި، ރަށު ކައުންސިލްތަކާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މި ދަތުރުފުޅުގައި ރައީސް ޒިޔާރަތްކުރައްވާ ރަށްތަކުގެ ތެރޭގައި އިސްދޫ، ކަލައިދޫ، ދަނބިދޫ، މާބައިދޫ، މުންޑޫ، ގަން، މާވަށް، ފޮނަދޫ، މާމެންދޫ، ހިތަދޫ އަދި ކުނަހަންދޫ ހިމެނެއެވެ. އަދި ދަތުރުފިުޅުގައި ރައީސް އެ ރަށްރަށުގެ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅުތަކަކަށް ކުރައްވަން ރޭއްވެވި ދަތުރުފުޅުތަކުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުތަކުގެ މައިގަނޑު މަޤްޞަދަކީ އަތޮޅުތަކާއި ރަށްރަށުގެ ކައުންސިލްތަކާ ސީދާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ދެނެގަތުމެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ އިސް މުވައްޒަފުން ބައިވެރިވެ ވަޑައިގަންނަވައެވެ.


