ބުރާސްފަތި ދުވަހުގެ ފަތިހު ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ޙާދިސާގައި ގެއްލުނު މީހުންގެ ތެރެއިން، 3 ވަނަ މީހާގެ ހަށިގަނޑުވެސް ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ ބަންޑުން ޖަހާލައި، އަޑިއަށް ދިޔަ "އަލްމާކް-ފިޔަ" ލޭންޑިން ކްރާފްޓުން ގެއްލިގެން ހޯދަމުންދިޔަ ތިންވަނަ މީހާގެ ހަށިގަނޑު ފެނިފައިވަނީ މާލެ އަތޮޅު އާއިލާފުއްޓާއި ވިލާ ނޮޓިކާއާ ދެ ރަށް ދޭތެރެއިން އޮޔާދަނިކޮށް ކަމަށެވެ
ސްރީލަންކާއަށް ނިސްބަތްވާ މި މީހާއަކީ ގެއްލިގެން ހޯދަމުންދިޔަ ފަހު މީހާއެވެ.
އެ ކޮޅުވެއްޓި ބަންޑުން ޖަހާލާފައި ވަނީ ކ. ތުޅާގިރި އިރުދެކުނުން 1.3 ނޯޓިކަލް މޭލުން މީގެ ދެ ދުވަސްކުރިންނެވެ. އެ އެޅަނދުން ދަތުރުކުރީ ހަތް މީހުން ގޮވަގެން ރީތިރަށް ރިސޯޓު ކައިރީ އޮންނަ ކ.އެރިޔަދޫއަށެވެ. ކޮޅުވެއްޓި ބަންދުން ޖަހާލި ހާދިސާގައި ކަނޑުވި ހަތަރު މީހަކު އެމްއެންޑީއެފްއިން ސަލާމަތްކުރިއެވެ. އަދި ތިން މީހަކު ގެއްލުނެވެ.
މިހާދިސާގައި ގެއްލިގެން މަރުވި މީހުންގެ ތެރޭގައި ދެން ހިމެނެނީ ދިވެއްސަކާއި އިންޑިއާއަށް ނިސްބަތްވާ މީހެކެވެ.


