މި ދައުރުގައި އަބުރުގެ ގާނޫނު ހަދަން ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން މަސައްކަތްކުރަމުން އަންނަ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ. އަދި މި ދައުރުގައި އެ ބިލު ނުހުށަހެޅުނު ކަމުގައި ވިޔަސް، ލަސްވެގެން އަންނަ އަހަރުގެ ފުރަތަމަ ދައުރުގައި މަޖިލީހަށް ހުށަހަޅާނެ ކަމަށް އުޝާމް ވިދާޅުވިއެވެ.
މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ބަންޑާރަނައިބު ވިދާޅުވީ، އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުން އަބުރުގެ ގަވާއިދު އުނިކުރެވޭނީ އަބުރުގެ ގާނޫނެއް އެކުލަވާލެވިގެން ކަމަށެވެ. އަދި އާންމު ގަވާއިދުތަކާ ބެހޭ ގާނޫނު އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށާއި، އެ ގާނޫނު އަންނަ އަހަރުގެ އޭޕްރީލް މަހު އުވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އޭގެ ކުރިން މިހާރު އެ ހިމެނޭ އަބުރުގެ ގަވާއިދުގެ ބަދަލުގައި އަބުރުގެ ގާނޫނެއް މަޖިލީހުން ފާސްކުރުމަކީ ވަރަށް މުހިންމު ކަމެއް. އެހެންވީމާ މިހާރު އަމަލުކުރަމުންދާ އަބުރުގެ ގަވާއިދުގެ ބަދަލުގައި އަބުރުގެ ގާނޫނެއް މަޖިލީހަށް ހުށަހެޅުމަށްޓަކައި އަޅުގަނޑުމެން މަސައްކަތްތަކެއް ކުރަމުން މިދަނީ،" ބަންޑާރަނައިބު ވިދާޅުވިއެވެ.
އިސްވެދިޔަ ސަރުކާރުގައި ވެސް އަބުރުގެ ގާނޫނެއް ފާސްކޮށް، އެ ގާނޫނުގެ ދަށުން ބައެއް ޓީވީ ޗެނަލްތަކާއި މީހުން ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރިއެވެ. ނަމަވެސް، 2018 ވަނަ އަހަރުގެ ނޮވެންބަރު 22 ގައި އޭރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު އުވާލައްވާފައެވެ.


