Tuesday, 28 July 2026

އޮޑިޓަރ ޖެނެރަލް އޮފީހުގެ 134 މިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

އޮޑިޓަރ ޖެނެރަލްގެ އޮފީހުން 2024 ވަނަ އަހަރަށް ހުށަހެޅި 134 މިލިއަން ރުފިޔާގެ ބަޖެޓް، އެއްވެސް އުނިއިތުރެއް ނުގެނެސް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މި ބަޖެޓަކީ މި އަހަރުގެ ބަޖެޓަށްވުރެ 20 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އޮޑިޓް އޮފީހުގެ ބަޖެޓް ދިރާސާކުރުމަށްފަހު، އެ ބަޖެޓް ހުށަހެޅިގޮތަށް ފާސްކުރުމަށް ނިންމި ރިޕޯޓް މަޖިލީހުގެ ޖަލްސާގައި ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 51 މެންބަރުންގެ އިއްތިފާގުންނެވެ. އޮޑިޓް އޮފީހުގެ ބަޖެޓް އިތުރުކުރަން ޖެހުނު މައިގަނޑު އެއް ސަބަބަކީ ބައެއް ޑިޕާޓްމަންޓްތަކަށް ސީނިއަރ އޮޑިޓަރުން ނެގުމަށް ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

މާލިއްޔަތު ކޮމިޓީގެ ނައިބު މުގައްރިރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވި ގޮތުގައި އޮޑިޓް އޮފީހުގެ ބަޖެޓް ހުށަހެޅިގޮތަށް ފާސްކޮށްދިނުމުން ހާމަވަނީ އެ އޮފީސް ހަރުދަނާކުރުމަށް ސަރުކާރުން ދޭ އިސްކަމެވެ. "ސަރުކާރުގެ ތަންތަން ރަނގަޅަށް އޮޑިޓްކުރުމަށް ޓަކައި ދޭ އަހައްމިއްޔަތު. މިއީ އެއްވެސް ސަރުކާރަކުން، އަނެއްހެން ދަންނަވާ ނަމަ އަޅުގަނޑުމެންގެ ތާރީހުގައި ނުދޭ ވަރުގެ އަހަމިއްޔަތު ކަމެއް މި ސަރުކާރުން ދެމުން މިގެންދަނީ،" ސަލީމް ވިދާޅުވިއެވެ.

އޮޑިޓް އޮފީހުން ބުނެފައިވާ ގޮތުގައި އެ އޮފީހުގައި މަސައްކަތްކުރާ 22 ޔުނިޓުގެ ތެރެއިން ހަތް ޔުނިޓުގައި ސީނިއަރ އޮޑިޓަރެއް ނުވަތަ ޑިޕާޓްމަންޓް ހެޑުން ނެތްކަމަށާއި، އަންނަ އަހަރު އެ މަގާމުތަކަށް މުވައްޒަފުން ނެގުމަށް ވަނީ ރޭވިފައެވެ. އަދި 2024 ވަނަ އަހަރު 81 އޮޑިޓެއް ކުރިއަށް ގެންދިއުމަށް އެ އޮފީހުން ވަނީ ނިންމާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *