Tuesday, 28 July 2026

މައިންގެ ފަރާތުން ދަރިންނަށް ޖެހޭ ބޮޑު ތިން ބައްޔެއް ނައްތާލި ފުރަތަމަ ޤައުމަކަށް ރާއްޖެ!

މަންމައިންގެ ފަރާތުން ތުއްތު ދަރިފުޅަށް އެޗްއައިވީ، ސިފިލިސް އަދި ހެޕިޓައިޓިސް ބީ ވާރުތަވުން ހުއްޓުވައި، "ޓްރިޕްލް އެލިމިނޭޓް" ކުރި ފުރަތަމަ ގައުމަކަށް ދިވެހިރާއްޖެ ވެއްޖެ ކަމަށް ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން މިއަދު ކަނޑައަޅައިފިއެވެ.

ޑަބްލިޔުއެޗްއޯ އިން މިއަދު ނެރުނު ނޫސް ބަޔާނުގައި މިކަން ފާހަގަކޮށް، މިއީ ރާއްޖޭގެ އާންމު ސިއްހީ ނިޒާމަށް ލިބުނު ފާހަގަކޮށްލެވޭ ކާމިޔާބީއެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ. އެ ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި، 2019 ވަނަ އަހަރު ރާއްޖެއިން ވަނީ އެޗްއައިވީ އާއި ސިފިލިސް މައިންގެ ފަރާތުން ދަރިންނަށް އެރުން ހުއްޓުވާފައެވެ.

ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ގެބްރެޔެސަސް ވިދާޅުވި ގޮތުގައި، "މައިންބަފައިންނާއި ކުޑަކުދިންގެ ސިއްހަތަށް ވަރުގަދަ ސިޔާސަތުތަކާއި ދެމެހެއްޓެނިވި އިންވެސްޓްމަންޓަކުން، މި ނުރައްކާތެރި ބަލިތައް މަންމަގެ ފަރާތުން ދަރިފުޅަށް ފެތުރުމާއި، އެ ބަލިތަކުން ލިބޭ ތަކުލީފު ނައްތާލުމަކީ ކުރެވިދާނެ ކަމެއްކަން ރާއްޖެއިން ދައްކުވައިދީފި."

ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖެއިން ވަނީ މައިމީހާއާއި ކުޑަކުދިންގެ ސިއްހަތަށް ޚާއްސަ މިންގަނޑުތަކެއް ޤާއިމުކޮށްފައެވެ. މިގޮތުން 95 އިންސައްތައަށްވުރެ ގިނަ މާބަނޑު އަންހެނުންނަށް ވިހެއުމުގެ ކުރިން ފަރުވާ ލިބޭއިރު، އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ އަށް ބައިނަލްއަޤްވާމީ ފެންވަރުގެ ޓެސްޓުތައް ހަދައެވެ.

ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް ވިދާޅުވެފައިވަނީ މިއީ ހަމައެކަނި ރާއްޖެއަށް ލިބުނު ކުރިއެރުމެއް ނޫން ކަމަށާއި، މިއީ ރާއްޖެއިން އެންމެންނަށް ވެސް ފޯރުކޮށްދޭ ހަމަހަމަ ހަރުދަނާ ސިއްހީ ނިޒާމެއް ދެމެހެއްޓުމުގެ ހިތްވަރެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް ގެނެސްދިނުމަށް ސަރުކާރުން އިންވެސްޓް ކުރަމުން ގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *