ސަރުކާރުގެ ސިޔާސަތަކީ ތަފާތުކުރުމެއްނެތި ހުރިހާ ރަށަކަށްވެސް ހަމަހަމަ ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިލަދުންމަޑުލު އުތުރުބުރީ ނޫމަރާއަށް ކުރެއްވި ދަތުރުފުޅުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގަިއ ވަނީ ރައްޔިތުންގެ ބޭނުންތަކާއި އެދުންތައް ރަނގަޅަށް ދެނެގަނެވޭނީ ރައްޔިތުންނާ ގާތުން މަސައްކަތްކޮށްގެން ކަމަށާއި، ވެރިކަމުގެ މި ދައުރުގައި ރާއްޖޭގެ ކޮންމެ ރަށަކަށް ދެ ފަހަރު ވަޑައިގަތުމަކީ އެމަނިކުފާނުގެ ވަޢުދެއްކަން ފާހަގަކުރައްވާފައެވެ.
ރައީސް މުޢިއްޒުގެ ދަތުރުފުޅުތަކުގައި ސަރުކާރުގެ ވުޒާރާތަކުގެ އިސްވެރިންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވާއިރު، މި ދަތުރުފުޅުތަކުގައި ރައްޔިތުންގެ ކަންބޮޑުވުންތަކަށް އަވަސް ހައްލު ހޯދައިދެވޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އ
މީގެ ކުރިން ކައުންސިލްތަކުން އެކި ކަންކަމުގައި މާލެ ދަތުރުކުރަން ޖެހުމުން ގިނަ ވަގުތާއި ބޮޑު ޚަރަދު ހިނގަމުންދިޔަ ނަމަވެސް، މިހާރު ރައީސް އަތޮޅުތަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ އުސޫލުން އެ ދަތިތައް ހައްލުވެގެންދާކަމަށް ވިދާޅުވިއެވެ. އަދި މިއީ ހަގީގީ ލާމަރުކަޒީ ނިޒާމެއްގެ ރީތި މިސާލެއްކަމަށް ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، މިހާތަނަށް ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކާ މަދުވެގެން އެއްފަހަރު ބައްދަލުކުރައްވާފައިވާއިރު، ބައެއް ކައުންސިލްތަކާ ދެފަހަރުވެސް ބައްދަލުކުރައްވާފައިވެއެވެ.


