މާލޭގައި ދެ ތަނެއްގައި ހިންގި މާރާމާރީގެ ދެ މައްސަލައެއްގައި 6 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މިގޮތުން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު މީހަކު ބައިވެރިވި މާރާމާރީއަކާއި ދެ މީހަކު ބައިވެރިވި މާރާމާރީއެއްގައި ބައިވެރިވި މީހުންނެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި މަހުގެ 4 ވަނަ ދުވަހުގެ ރޭ 8:30 އެހައިކަށްހާއިރު މއ. ރީނދޫމާގެ ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަތީގައި އިން މީހަކަށް ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަލާދިން މައްސަލައިގައި ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ގއ. މާމެންދޫ، މޯރާ، ޠާއިފް ރަފީޤު (26)، ގދ. ރަތަފަންދޫ، ސަންރައިސް، އަމްސަލް ޢަބްދުﷲ (25)، ލ. ގަން، ތުނޑި ރޯސްބަޑް، އަޙްމަދު ނީޒާދު (29) އަދި ތިނަދޫ ގުލްބަކާގޭ، ޢަބްދުﷲ އިސްރާޤް (19) އެވެ.
އަދި މި މަހުގެ 7 ވަނަ ދުވަހުގެ ހަވީރު 6:10 އެހައިކަށްހާއިރު ބޮޑުތަކުރުފާނު މަގު ފޯސްޓު އޮފީސް ކައިރީގައި ހިނގި މާރާމާރީގެ މައްސަލައިގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ތ. ގާދިއްފުށި، މުސްތަރީގެ، ޝަމާލް ޙުސައިން (22) އާއި ލ. މާމެންދޫ، މުރިނގު، ރަޖުވާން ލަޠީފް (24) އެވެ.
މި މައްސަލަތަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމުން، ޝަމާލް އާއި ރަޖުވާންގެ ބަންދަށް 15 ދުވަސް ނަގާފައިވާއިރު، އަނެއް ހަތަރު މީހުން ވަނީ ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައެވެ.


