Tuesday, 28 July 2026

ބިދޭސީންގެ ބައޯމެޓްރިކް ޑޭޓާ އަޕްޑޭޓް ކުރުމަށް އިތުރު މުއްދަތެއް ދީފި

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތުގެ ތެރެއިން، ބިދޭސީންގެ ބައޯމެޓްރިކް ޑޭޓާ އަޕްޑޭޓް ކުރުމަށް އިތުރު މުއްދަތެއް ދިނުމަށް ހޯމްލޭންޑް މިނިސްޓްރީން ނިންމައިފި އެވެ.

މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓަރީކޮށްފައިވާ ވަޒީފާ ދޭ ފަރާތްތަކުން، އެ ފަރާތްތަކުގެ ނަމުގައި ރާއްޖެ ގެނެސްފައިވާ ބިދޭސީންގެ ބައޯމެޓްރިކްސް އަދާހަމަކުރުމަށް އަންނަ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު ދީފައިވާ ކަމަށެވެ. މި މުއްދަތުގެ ތެރޭގައި އެންސީއައިޓީ އިމާރާތުގެ ގްރައުންޑް ފްލޯގައި ޤާއިމްކުރެވިފައިވާ ޖޮކް ސެންޓަރުން ބަޔޯމެޓްރިކް ޑާޓާ ނެގުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.

މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، މި މުއްދަތުގެ ތެރޭގައި އެކަށީގެންވާ ސަބަބެއް ނެތި ބައޯމެޓްރިކްސް އަދާހަމަނުކުރާ ބިދޭސީން ރާއްޖޭން ޑީޕޯޓްކޮށް، ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ވަޒީފާދޭ ފަރާތްތައް 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް އިއުލާނުގައި ބަޔާންކޮށްފައިވެ އެވެ. "ކުރަނގި" އޮޕަރޭޝަންގެ ދަށުން މިހާތަނަށް 27،773 ބިދޭސީއެއްގެ މައުލޫމާތު ނަގައި ރެކޯޑްކޮށްފައިވާ ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *