ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް ޚާއްސަކޮށްގެން ބާއްވާ މަހާސިންތާ މިއަދު ކްރޮސްރޯޑްސް މޯލްޑިވްސްގައި ފަށައިފިއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މަހާސިންތާ އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒެވެ. މި އަހަރުގެ މަހާސިންތާގައި 210 ޕްރިންސިޕަލުން ބައިވެރިވެފައިވެއެވެ.
ސްކޫލްތައް ހިންގުމުގައާއި ޕްރިންސިޕަލުންނަށް ދިމާވާ އެކި ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް، އެކަންކަން ރަނގަޅުކުރުމަށްޓަކައި ކުރިއަށްގެންދާ މި މަހާސިންތާއަކީ މީގެ ކުރިން ބޭއްވި މަހާސިންތާތަކާ ތަފާތު ގޮތަކަށް ކުރިއަށްދާނެ މަހާސިންތާއެއްކަމަށް ތަޢުލީމީ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.
މި އަހަރުގެ މަހާސިންތާގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ މުދައްރިސުން ތަމްރީނުކުރުމަށް އެކި ލެވެލްގައި ކުރެވިދާނެ ކަންކަމާއި، ފެންވަރު ރަނގަޅު މުދައްރިސުން ހޯދުމަށް ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭ ކަންކަމުގެ މައްޗަށެވެ. މި މަހާސިންތާ ރޭވިފައިވަނީ މުދައްރިސުންގެ ޚިޔާލުތަކާއި މަޝްވަރާގެ މައްޗަށް ބިނާކޮށެވެ.
މީގެ ކުރިން ބޭއްވި މިފަދަ މަހާސިންތާތަކާ ޚިލާފަށް، މި ފަހަރުގެ މަހާސިންތާގައި މުދައްރިސުންގެ ލެވެލްގައި މަޝްވަރާކޮށް، ހަގީގީ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރާނެ ކަމަށް ތަޢުލީމީ ވުޒާރާއިން ވަނީ ބުނެފައެވެ.


