Tuesday, 28 July 2026

އައްޑޫގެ ކައުންސިލްތަކާ ގުޅޭ ވޯޓަށް މާލޭގައި 7 ފޮށި ބަހައްޓަން ނިންމައިފި

އައްޑޫގައި ވަކިވަކި ކައުންސިލްތައް އުފެއްދުމާ ގުޅޭގޮތުން ނަގާ ވޯޓަށް މާލޭގައި 7 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވެއްޖެ އެވެ.

ޕީއެެސްއެމްގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒާހިދު ވިދާޅުވީ، މި ވޯޓުގައި ބައިވެރިވެވޭނީ ހަމައެކަނި ހުޅުދޫ، މީދޫ އަދި ފޭދޫގެ ރައްޔިތުންނަށް ކަމަށެވެ. އަދި މާލޭގައި ބަހައްޓާ ހަތް ފޮށި ހުންނާނީ އެއް މަރުކަޒެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހުޅުދޫ އަދި މީދޫގެ ރައްޔިތުންނާ ދެ ސުވާލެއް ކުރާނެ ކަމަށް ޒާހިދު ވިދާޅުވި އެވެ. އެއީ އެ ރަށްތަކަށް ވަކި ކައުންސިލެއް އުފެއްދުމާއި، ދެ ރަށް އެއް ކައުންސިލެއްގެ ދަށުން ހިންގުމާ ގުޅޭ ސުވާލުތަކެވެ. ނަމަވެސް ފޭދޫގެ ރައްޔިތުންނާ ކުރާނީ އެންމެ ސުވާލެއް ކަމަށާއި، އެއީ އެ ރަށަށް ވަކި ކައުންސިލެއް އުފެއްދުމާ ގުޅޭ ސުވާލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ވޯޓުގައި ޖުމްލަ 18 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އީސީން ހާމަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހުޅުދޫގައި 3 ފޮށި، މީދޫގައި 3 ފޮށި އަދި ފޭދޫގައި 5 ފޮށި ހިމެނެ އެވެ. މާލޭގައި ބަހައްޓާ 7 ފޮށީގެ ތެރެއިން ހުޅުދޫ ރައްޔިތުންނަށް 3 ފޮށި، މީދޫއަށް 1 ފޮށި އަދި ފޭދޫ މީހުންނަށް 3 ފޮށި ހިމެނެ އެވެ.

މި ވޯޓު އޮންނާނީ މި މަހުގެ 25 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. މިހާތަނަށް 9،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށް އީސީން ބުނެ އެވެ. އަދި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 11 އިން 12 އަށް ހުޅުވާލާނެ ކަމަށް ވެސް އީސީން ބުނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *