ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާއިން ދިން ފައިސާއަށް ޚިޔާނާތްތެރިވިކަމަށް ސާބިތުވެ، އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް 4 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ޙުކުމްކޮށްފިއެވެ.
2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްގެ އެކައުންޓަށް ޖަމާކުރި 10،000 ޑޮލަރު ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެން ބައްސާމުގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާކަން ދައުލަތުގެ ހެކިތަކުން ސާބިތުވެފައިވެއެވެ. ބޭންކް ފީތައް ކެނޑުމަށްފަހު 9،999 ޑޮލަރު ބައްސާމްގެ އެކައުންޓަށް ޖަމާކޮށްފައިވާކަން ލިޔެކިއުންތަކުން އެނގެއެވެ.
މި މައްސަލައިގައި ބައްސާމް ދިފާއުގައި ބުނެފައިވަނީ އެއީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށެވެ. ނަމަވެސް އެ ފައިސާއަށްވާ ދިވެހި ރުފިޔާ އެފްއޭއެމްގެ އެކައުންޓަށް ޖަމާކޮށްފައިނުވާތީ، އެއީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށް ނުބެލެވޭނެ ކަމަށް ދައުލަތުން ބުނެފައިވެއެވެ.
މި މައްސަލައިގައި ބައްސާމްގެ މައްޗަށް މަނީ ލޯންޑްރިންގގެ ދަޢުވާއެއްވެސް އުފުލާފައިވާއިރު، އެ ދަޢުވާއާ ގުޅިގެން ޙުކުމްކުރުން އަދި ފަހުގެ ތާރީޚެއްގައި ކުރިއަށްދާނެ ކަމަށް ކޯޓުން މައުލޫމާތު ދީފައިވެއެވެ.
މީގެ އިތުރުން ބައްސާމްގެ މައްޗަށް އަމީން އެވެނިއުއިން ޕެންޓްހައުސް ގަތުމާއި ފުޓްބޯޅަ އިދާރާގެ ފައިސާއާއި މުދަލަށް ޚިޔާނާތްތެރިވިކަމުގެ އިތުރު މައްސަލަތަކެއްވެސް ތަޙްޤީޤު މަރުހަލާގައި ކުރިއަށްދާކަން ފާހަގަކުރެވެއެވެ.


