Tuesday, 28 July 2026

ވެންޓިލޭޓަރު މައްސަލާގައި އެގްޒެކިއުޓާސް އިން ދިވެހި ސަރުކާރަށް 37 މިލިއަން ރުފިޔާ ދެއްކުމަށް ދުބާއީ ކޯޓުން އަމުރުކޮށްފި

ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރު ގެންނަން ހަވާލުކުރި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން ދިވެހި ސަރުކާރަށް 37 މިލިއަން ރުފިޔާ ދެއްކުމަށް ދުބާއީގެ ކޯޓުން އަމުރުކޮށްފިއެވެ.

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވި ގޮތުގައި، ދިވެހި ސަރުކާރަށް 8.9 މިލިއަން ދިރުހަމް (37 މިލިއަން ރުފިޔާ)، އިއްޔެ އިން ފެށިގެން ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ދެއްކުމަށް އެގްޒެކިއުޓާސް ކުންފުންޏާއި އެ ކުންފުނީގެ ހިއްސާދާރުންގެ މައްޗަށް ދުބާއީގެ ކޯޓުން އަމުރުކޮށްފައިވެއެވެ. އަދި އެ އަމުރަށް ތަބާނުވެއްޖެ ނަމަ ދެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އުޝާމް ވިދާޅުވިއެވެ.

މި މައްސަލައިގެ ފަހަތަށް ބަލާއިރު، 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 75 ވެންޓިލޭޓަރު ގަތުމަށް އެގްޒެކިއުޓާސް އާ އެކު އެއްބަސްވުމެއް ހަދައި، ބޭންކް ގެރެންޓީއަކާ ނުލައި 34 މިލިއަން ރުފިޔާ ދޫކުރިއެވެ. ނަމަވެސް އެއްބަސްވުމާ އެއްގޮތަށް ވެންޓިލޭޓަރުތައް ފޯރުކޮށްނުދިނުމުން، މައްސަލަ ދުބާއީގެ ކޯޓަށް ހުށަހެޅުނީ މިދިޔަ އަހަރުގެ މާޗު މަހުއެވެ.

އާބިޓްރޭޝަނުން ކުރިން ނިންމާފައިވަނީ ބަދަލާއި އާބިޓްރޭޝަނަށް ދައްކަންޖެހޭ ފައިސާއާ އެކު 32 މިލިއަން ރުފިޔާ އެ ކުންފުނިން ދިވެހި ސަރުކާރަށް ދޭންޖެހޭނެ ކަމަށެވެ. އެ އެންގުމާ އެއްގޮތަށް ފައިސާ ނުދެއްކުމުން، ޖޫރިމަނާ ހިމަނައިގެން ދެވަނަ ފަހަރަށް އަމުރު ނެރެ، މިހާރު ދައްކަންޖެހޭ އަދަދު 37 މިލިއަން ރުފިޔާއަށް އަރާފައިވެއެވެ.

އޮޑިޓް ރިޕޯޓާއި އޭސީސީގެ ތަހުގީގު ރިޕޯޓުން ދައްކާ ގޮތުގައި، މި މުޢާމަލާތުގައި ކުންފުނީގެ ގާބިލްކަން ހުރިތޯ ނުބެލުމާއި، ކުންފުންޏާ ބެހޭ އެއްވެސް ތަފްސީލެއް ނުހޯދާ މިފަދަ ބޮޑު އަދަދެއްގެ ފައިސާ ދޫކޮށްފައިވެއެވެ. ވެންޓިލޭޓަރުތަކުގެ ފުރަތަމަ ޝިޕްމަންޓްގެ ބައެއް ރާއްޖެއަށް ފޮނުވި ނަމަވެސް، އެ ވެންޓިލޭޓަރުތަކަކީ ބޭނުންކުރެވޭ ފެންވަރުގެ ތަކެއްޗެއް ނޫނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *