މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅުނުކަމުގެ ތުހުމަތުގައި ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ މުވައްޒަފަކު ހައްޔަރުކޮށްފި އެވެ.
ކްރިމިނަލް ކޯޓު އަމުރުން އެނގޭ ގޮތުގައި އެއީ ގދ. ގައްދުއަށް ނިސްބަތްވާ އުމުރުން 42 އަހަރުގެ ފިރިހެނެކެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ އޭނާ ވައްޓާލި އެއްޗެއް ނަގައި ބެލިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ސެލޯފިންކޮޅެއް އޭގެ ތެރެއިން ފެނިގެންނެވެ. އަދި އޭނާގެ ޔޫރިން، ޓީއެޗްސީއަށް ފައްސިވެފައިވާ ކަމަށް އިންވެސްޓިގޭޓިވް އޮފިސަރު ވަނީ ފާހަގަކޮށްފައެވެ.
ވަކީލެއްގެ ފުރުސަތު ބޭނުންވާ ކަމަށާއި އެއީ އެންޑީއޭގެ ވަޒީފާގައި އުޅޭ މީހެއް ކަމަށާއި އަދި ކުޑަކުދިންތަކެއްގެ ބައްޕައެއް ކަމަށް ވެސް ޝަރީއަތުގެ އަޑުއެހުމުގައި އޭނާ ބުނެފައި ވެ އެވެ.
އެ ކުށް ކުރި ކަމަށް ކޮންމެވެސް ވަރެއްގެ ހެކިތަކެއް ފުލުހުންނަށް ލިބިފައިވާ ކަމަށް ބުނެ، އޭނާ އިތުރު ފަސް ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
މިފަހުން ވެސް އެންޑީއޭއިން ފަރުވާ ހޯދާ މީހުންނަށް މަސްތުވާތަކެތި ދޭ މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވެއެވެ. ފުލުހުން ބުނި ގޮތުގައި އޭނާ ހައްޔަރުކުރީ އެންޑީއޭއިން ފަރުވާ ހޯދާ ކްލަޔަންޓުންނަށް މަސްތުވާތަކެތިދީ، ނަހަމަ ގުޅުން ބާއްވާކަމުގެ ތުހުމަތުގައެވެ.


