Tuesday, 28 July 2026

މިނިސްޓަރު އިހްސާންގެ އިތުބާރު އޮތް ކަމަށް ފާސްކޮށްފި

ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހްސާނުގެ އިތުބާރު އޮތް ކަމަށް ފާސްކޮށްފި އެވެ.

އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި މިއަދު ނެގި ވޯޓުގައި އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ އިދިކޮޅު 11 މެންބަރުން އެކަންޏެވެ. ޕީއެންސީގެ ސުޕަ މެޖޯރިޓީގެ 64 މެންބަރަކު ވޯޓު ދެއްވީ އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްކުރުމާ ދެކޮޅަށެވެ.

މިނިސްޓަރެއްގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްވުމަށް މަޖިލީހުގެ 47 މެންބަރުންގެ ވޯޓު ބޭނުންވެ އެވެ. މަޖިލީހުގައި އިދިކޮޅު އެމްޑީޕީގެ ތިއްބަވަނީ 12 މެންބަރުންނެވެ.

މި މައްސަލާގައި މިއަދު މަޖިލީހަށް އިޙްސާންވަނީ ޖަވާބުދާރީވެ ވަޑައިގަންނަވާފައެވެ.

އެގޮތުން އެމްޑީޕީގެ ތުހުމަތުތައް ދޮގުކުރަށްވަމުން އިޙްސާން ވިދާޅުވީ ޑީއެންއާރުގެ ޑޭޓާ ބޭނުން ކޮށްގެން ޕީއެންސީއަށް މެންބަރުން ވެއްދިނަމަ ހޯމް މިިނިސްޓްރީގެ ސިޔާސީ މުވައްޒަފުން ހުށަހަޅާނީ އެންމެ 1،700 ފޯމު ނޫން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއްވެސް ކަމެއް ގަވައިދާ ހިލާފަށް އަދި އޭނާގެ އިތުބާރު ގެއްލޭ ފަދަ ގޮތަކަށް ކޮށްފައިނުވާނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *