Tuesday, 28 July 2026
ރައީސް ޑރ. މުހައްމަދު މުއިއްޒު

ކުވައިތުގެ ޤައުމީ ދުވަހާއި މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

ކުވައިތުގެ ޤައުމީ ދުވަހާއި މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ އިސްވެރިންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ. މިގޮތުން ތަހުނިޔާގެ މެސެޖު ފޮނުއްވާފައިވަނީ ކުވައިތުގެ އަމީރު ހިޒް ހައިނަސް ޝައިޚް މެޝާލް އަލްއަޙްމަދު އަލްޖާބިރު އަލްސަބާޙްއަށާއި، އެ ޤައުމުގެ ބޮޑުވަޒީރު ހިޒް ހައިނަސް ޝައިޚް އަޙްމަދު ޢަބްދުﷲ އަލްއަޙްމަދު އަލްސަބާޙްއަށެވެ.

ދެ ޤައުމުގެ އިސްވެރިންނަށް ފޮނުއްވި ސިޓީފުޅުގައި ރައީސް މުޢިއްޒު ވަނީ ދިވެހިރާއްޖެއާއި ކުވައިތާ ދެމެދު އޮތް ގުޅުމުގެ ވާހަކަ ފާހަގަކުރައްވާފައެވެ. އެގޮތުން ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ރަހުމަތްތެރިކަމުގެ ގުޅުމަކީ އިސްލާމީ އަޤީދާއާއި އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ދެ ޤައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށް މި ގުޅުން އިތުރަށް ވަރުގަދަވެގެންދާނެކަމުގެ ޔަޤީންކަން އޮތްކަމަށް ވިދާޅުވެފައިވެއެވެ.

ކުވައިތުގެ ޤައުމީ ދުވަހަކީ ފެބުރުވަރީ 25 އެވެ. މި ދުވަހަކީ 1950 ގައި ކުވައިތުގެ ކުރީގެ އަމީރު ހިޒް ހައިނަސް ޝައިޚް ޢަބްދުالله އަލް ސަލީމް އަލްސަބާޙް ރަސްކަމަށް އިސްވެވަޑައިގަތުމުގެ ހަނދާނުގައި ފާހަގަކުރާ ދުވަހެކެވެ. އަދި ފެބްރުއަރީ 26 އަކީ އެ ޤައުމުގެ މިނިވަން ދުވަހެވެ. މިއީ 1991 ވަނަ އަހަރު ކުވައިތަށް އަލުން މިނިވަންކަން ލިބުނު ދުވަހެވެ.

މި އުފާވެރި މުނާސަބަތުގައި ރައީސް މުޢިއްޒު ވަނީ ކުވައިތުގެ އަމީރާއި ބޮޑުވަޒީރަށް ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގަންނަވާ، އެ ޤައުމުގެ ރައްޔިތުންގެ ފާގަތިކަމާއި ކުރިއެރުމަށް ދުޢާ ކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *