Tuesday, 28 July 2026

މެޑިކަލް މާފިއާއަށް ފުރުސަތު ނުދޭނަން: ރައީސް

މެޑިކަލް މާފިއާއަށް ބޭސްތައް ކޮންޓްރޯލް ކުރުމުގެ އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށާއި، ރާއްޖޭގައި ބޭނުންކުރާ ހުރިހާ ބޭހެއް ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ދ. އަތޮޅު މީދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން އެޅި ފިޔަވަޅުތަކާ ގުޅިގެން ބޭސް އިމްޕޯޓްކުރާ ފަރާތްތަކުން ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅަން ފެށި ކަމަށެވެ.

"1000 އާއި 2000 ޕަސެންޓް ފައިދާ ނަގައިގެން، އާސަންދައިގެ ތެރެއިން ރައްޔިތުންގެ ޓެކްސް ފައިސާއިން ބޭހުގެ ވިޔަފާރިކުރާ ފަރާތްތަކުން ފައިސާ ނަގަމުން ދިޔައީ. އެއީ ބޮޑު އިސްރާފެއް،" ރައީސް ވިދާޅުވިއެވެ.

މި މައްސަލަ ހައްލުކުރުމަށް މިހާރު އެސްޓީއޯއިން ފިނޭންސް މިނިސްޓްރީގެ ހާއްސަ އެހީތެރިކަމާއެކު މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން މާރިޗް 15 ގެ ކުރިން އެމްއެފްޑީއޭގެ އެސެންޝިއަލް ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް ގެނެސް ނިންމާނެ ކަމަށާއި، އޭގެ ފަހުން އެސްޓީއޯގެ ބޭސްފިހާރަތަކުން މި ބޭސްތައް ލިބެން ހުންނާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

އަދި އޭޕްރިލް 15 އިން ފެށިގެން އެމްއެފްޑީއޭގެ އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމެނޭ އެހެން ހުރިހާ ބޭހެއްވެސް އެސްޓީއޯގެ ބޭސްފިހާރަތަކުން ލިބެން ހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިއާއެކު، މާރިޗް 15 އިން ފެށިގެން އާންމުކޮށް ބޭނުންކުރާ ހުރިހާ ބޭހެއްގެ މައްސަލަ ހައްލުވެގެންދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *