ނ. ވެލިދޫގައި ފުލުހުން ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫ / ހުދުއަސުރުމާގެ، ޢަބްދުއްލަޠީފް މޫސާ (47އ) އާއި، ނ. ވެލިދޫ / ނެދުންގެ، މުޙައްމަދު މާޢިދު (28އ) އެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަންގެ ތެރެއިން މިމަހުގެ 20 ވަނަ ދުވަހު މި ދެ މީހުން ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.
ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 440.7 ގުރާމެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރިކުރުމުން ޢަބްދުއްލަޠީފް މޫސާ 32 ދުވަހަށް ބަންދު ކުރިއިރު، މުޙައްމަދު މާޢިދު ފަސް ދުވަހަށް ބަންދުކުރުމަށް އަމުރު ކޮށްފައި ވެއެވެ.
މި މައްސަލަ ވެލިދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގުކުރަމުންނެވެ.


